ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް)ގައި ރޭ ކުޅުނު މެޗުގައި ޕަންޖާބު ސުޕަ ކިންގްސްއިން ޗެންނާއީ ސުޕަ ކިންގްސް ބަލިކޮށްފިއެވެ.

ޕަންޖާބުގެ މަހާރާޖާ ޔާދަވިންދްރާ ސިންހް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ޕަންޖާބުން ކާމިޔާބުކުރީ 18 ލަނޑުންނެވެ.

މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ޕަންޖާބު މޮޅުވެ، އެޓީމު ލީގުގެ ހަތަރު ވަނައިގައި އޮތް އިރު، ޗެންނާއީއަށް މިއީ ދަށް ފެށުމެކެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

ރޭގެ މެޗުގެ ގުރު ދިމާވުމުން ޕަންޖާބުން ނިންމީ ކުޅެން އަރާށެވެ. ކުޅެން އަރައި އެޓީމުން 20 އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވި އިރު، 219 ލަނޑު ހެދިއެވެ.

އެންމެ ބޮޑު ތަފާތެއް ދެއްކީ ޕްރިޔަންޝް އަރްޔާއެވެ. އޭނާ ވަނީ 42 ބޯޅައިން 103 ލަނޑު ހަދައި، ސައްތަ ފުރިހަމަކޮށްފައެވެ. އޭގެ އިތުރުން ޝަޝަންކް ސިންހް 36 ބޯޅައިން 52 ލަނޑު ހެދިއެވެ.

ޗެންނާއީގެ ހަލީލް އަހުމަދާއި ރަޗިންދްރަން އަޝްވިން، ކޮންމެ ކުޅުންތެރިޔަކު ދެ ވިކެޓް ނެގި ނަމަވެސް ކުޅެން އަރައި ޗެންނާއީއަށް ތަފާތެއް ނުދެއްކުނެވެ.

ޗެންނާއީން 20 އޯވަރު ތެރޭގައި 201 ލަނޑު ހެދީ ފަސް ކުޅުންތެރިން ނުބައިވެގެންނެވެ. ޑެވޮން ކޮންވޭ 49 ބޯޅައިން 69 ލަނޑު ހެދި އިރު، އެމް އެސް ޑޯނީ ކުޅެން އަރައި ތަފާތު ދައްކަން ކުރި މަސައްކަތްވެސް ނާކާމިޔާބުވެ ޗެންނާއީ ބަލިވިއެވެ.