ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އާސެނަލުން ތަފާތު ބޮޑުކޮށް ރެއާލް މެޑްރިޑް ބަލިކުރި އިރު، އިންޓަ މިލާނުން ރަށުން ބޭރުގައި ބަޔާން މިއުނިކްވެސް ބަލިކޮށްފިއެވެ.
ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ރެއާލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ އާސެނަލުން މިހާތަނަށް ޗެމްޕިއަންސް ލީގުގައި ނެރުނު އެންމެ ފުރިހަމަ އެއް ނަތީޖާއެވެ.
ރެކޯޑު ޗެމްޕިއަން ރެއާލަށް ރޭ އާސެނަލް ކައިރީގައި ކުޅެގަންނަންވެސް އުނދަގޫވެފައިވާ އިރު، އާސެނަލް ފެނުނީ މާ ބޮޑަށްވެސް ޖޯޝުގައި އޮތްތަނެވެ. މިކޭލް އާޓެޓާގެ އިރުޝާދާ އެއްގޮތަށް އާސެނަލް ސަޕޯޓަރުން ކުރިއާލާ ދަނޑަށް ވަދެ، ފޯރިއާއެކު ސަޕޯޓް ކޮށްފައިވާ އިރު، ފުރަތަމަ ވިއްސަކަށް މިނެޓްގައި ޑޮމިނޭޓް ކުރީ އާސެނަލުންނެވެ.
އޭރިއާ ތެރެއަށް ނުރައްކާކޮށް އާސެނަލުން ތަފާތު ދެއްކި އިރު، 20 ވަނަ މިނެޓުގައި ރެއާލަށް ފުރަތަމަ ފުރުސަތު ލިބި ބޭކާރުވިއެވެ. ވިނީޝިއަސް ޖޫނިއާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
ދެވަނަ ހާފަށް ނުކުމެ، އާސެނަލުން މެޗުގެ ކޮންޓްރޯލް ނެގިއެވެ. ޑެކްލަން ރައިސްގެ ހިތްގައިމު ދެ ހިލޭ ޖެހުމުން މުޅި އެމިރޭޓް ސްޓޭޑިއަމް ކައްކުވާލިއެވެ. އޭނާގެ ފުރަތަމަ ހިލޭ ޖެހުން 58 ވަނަ މިނެޓުގައި ގޯލުގެ ކަނަށް އަމާޒުކޮށްލި އިރު، ދެން ޖެހި ހިލޭ ޖެހުން މާ ފުރިހަމައެވެ. ދެ ހިލޭ ޖެހުންވެސް އަމާޒުކޮށްލީ ސީދާ ކަނަށެވެ.
އާސެނަލުން ދެވަނަ ހާފުގައިވެސް އިތުރަށް ނުރައްކާ ކުރި އިރު، ދެ ހަމަލާއެއް ރެއާލްގެ ޑިފެންޑަރުން ރޮނގުމަތިންވެސް ބޭރުކޮށްލިއެވެ. އަދި ކީޕަރު ތިބޯ ކޯޓުއާވެސް ގިނަ ސޭވްތަކެއް ކުރިއެވެ.
އާސެނަލްގެ ތިންވަނަ ގޯލު މިކޭލް މެރީނޯ ޖެހި އިރު، ބުކަޔޯ ސަކާއާއި ރައިސްއަށް އަނިޔާވެ ބާލަން ޖެހުންވީ ކުޑަކުޑަ މާޔޫސް ކަމަކަށެވެ. އަނެއްކޮޅުން ރެއާލް ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ. ފަހުވަގުތު އެޑުއާޑޯ ކަމަވިންގާއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.
އިންޓައިން 2-1 އިން ބަޔާން ދަނޑުގައި މޮޅުވި އިރު، ފުރަތަމަ ހާފުގައި ލައުޓާރޯ މާޓިނޭޒް ލީޑު ނަގައިދިނެވެ. އެ ލީޑާއެކު ކުޅެމުން ދަނިކޮށް ބަޔާނަށް 85 ވަނަ މިނެޓުގައި ތޯމަސް މުލާ ބަޔާނަށް އެއްވަރު ކޮށްދިނެވެ.
އެ ގޯލާއެކު ބަޔާނަށް އުންމީދެއް ލިބުނު ނަމަވެސް، ޑާވިޑޭ ފްރެޓާސީ ވަނީ ފަހުވަގުތު އިންޓަ މޮޅުކޮށްދީ، ދެވަނަ ލެގަށް އުންމީދު އާކޮށްދީފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު