ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ތިންވަނަ މުބާރާތް، ހުކުރު ދުވަހުގެ ރޭ ފަށަން ތައްޔާރުވެ، ރޭ ގުރު ނަގައިފިއެވެ.

ފޮނަދޫ އިޖުތިމާއީ މަރުކަޒުގައި ރޭ ގުރު ނަގާފައިވާ އިރު، މިއަހަރުގެ މުބާރާތުގައި 11 ޓީމަކުން ވާދަކުރާނެއެވެ. 11 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްގެންދަން ނިންމާފައިވާ އިރު، މިއަހަރުގެ މުބާރާތް ހުކުރު ދުވަހުގެ ރޭ ފަށާނީ ޗެރިޓީ ޝީލްޑް މެޗުންނެވެ.

ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން އަފޭން އަދި އެ އަހަރުގެ ރަނަރަޕް ޓީމް ކަންމަތި އެސްސީއެވެ. މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗުން 10،000 ރުފިޔާގެ ފައިސާގެ އިނާމު، ފަލަސްތީނަށް އެހީވާން ހަދިޔާ ކުރާނެ ކަމަށް ލީޑުން ބުންޏެވެ.

ގްރޫޕްތައް ބެހިފައިވާ ގޮތް

  • ގްރޫޕް އޭ: ބެސްޓް އެސްސީ، ގަން ކައުންސިލް ރެކްރިއޭޝަން ކްލަބު، ލާމު ބްލޫސް، ރަސްހިންނެ އެސްސީ، އަފޭން، މާމެންދޫ ޔުނައިޓެޑް
  • ގްރޫޕް ބީ: މުންޑޫ ވެޓެރަންސް، ސީއޭސީ ވެޓެރަންސް، ކިންގް، އެވާލީ އެސްސީ، ކަންމަތި އެސްސީ

ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގައި ބައިވެރިވުމަށް މިފަހަރުވެސް ހުޅުވާލީ މުޅި ރާއްޖެއަށެވެ. ޓީމުތަކުގައި ހިމެނޭނީ ރާއްޖެއަށް ނިސްބަތްވާ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. އެހެންނަމަވެސް ކޮންމެ ޓީމަކަށްވެސް އެޓީމަކުން ބޭނުންވާ ނަމަ، އުމުރުން 30 އަހަރާއި 35 އަހަރާ ދެމެދުގެ އެއް ކުޅުންތެރިޔަކު ޓީމުގައި ހިމެނުމަށް ފުރުސަތު ދީފައިވެއެވެ.

މިދިޔަ އަހަރުގެ މުބާރާތުންވެސް އަލީ އަޝްފާގު (ދަގަނޑޭ) އާއި ހުސައިން ނިހާން (ނިހާޓް)، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ގެ އިތުރުންވެސް ފުޓްސަލްގައި ފާހަގަކޮށްލެވޭ ތަރިންވެސް ފެނިގެން ގޮސްފައިވެއެވެ. އަދި މިއަހަރުގެ މުބާރާތުންވެސް ތަރިން ފެނިގެންދާނެއެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ބޭއްވި އަލް މުދިޝް ލީޑް ވެޓެރަންސް ކަޕްގެ ޗެމްޕިއަން ޓީމަކީ ލ. މާވަށެވެ. އޭގެ ފަހުން މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ނެގީ އަފޭންއެވެ.

ރޭ ގުރު ނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ދަ ހޯކްސްއާއެކު ރަސްމީކޮށް ސޮއިކޮށްފައިވެއެވެ.