އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގަމުންދާ ޖަރީމާތައް ފެނިފައި ދުނިޔެ އަންތަރީސްވަނީއެވެ. ސީރިޔާގެ ވެރިކަން ބަދަލުވުމާއެކު އިޒްރޭލުން ސީރިޔާއަށް އަރައި އިތުރު ބިންތައް ފޭރިގެންފިއެވެ. ލުބުނާނަށް އެރި އިޒްރޭލުގެ ފައުޖުތައް އަދިވެސް އޮތީ ލުބުނާނުގެ ތެރޭގައެވެ. ނުހިންގާކަށް ޖަރީމާއެއް ނެތެވެ. އެމެރިކާއިން ޔަމަނާ ދެކޮޅަށް މިހާރު ހިންގަމުންދާ އުދުވާނުގައި އަމަލީގޮތުން އިޒްރޭލް ބައިވެރިވެއެވެ. މިއީ މިވަގުތު އަރަބި ދުނިޔޭގެ ހާލަތެވެ. މި ހާލަތުން އަރައިގަނެ އަރަބީންގެ އެއްބައިވަންތަކަން ގާއިމުކޮށް އަރަބި ދުނިޔޭގެ އާރާއިބާރު އިތުރުކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި މުއްސަނދިކަމާއި ވަސީލަތް ލިބިފައިވާ އަރަބި ގައުމުތަކުން އަމަލުކުރަމުންދަނީ ކޮންގޮތަކަަށް ބާވައެވެ. އިޒްރޭލާއި އެމެރިކާއަށް ޕްރެޝަރުކޮށްގެން އުދުވާންތައް ހުއްޓުވަން ޖެހިފައިވާ މިދަނޑިވަޅުގައި އަރަބި ގައުމުތަކުން އަމަލުކުރަމުންދަނީ ކޮންގޮތަކަށް ބާވައެވެ. ފެންނަ މަންޒަރުތަކުން ހިތްފަޅައިގެންދާވަރުވެއެވެ.

އަރަބި ބައެއް ގައުމުތަކުން ފަރުދާގެ ފުރަގަހުގައި ތިބެގެން އިޒްރޭލާއި އެމެރިކާއަށް ހިތްވަރުދެނީއެވެ. އިޒްރޭލާއި އެމެރިކާއާ ގުޅިގެން އަސްކަރީ ފަރިތަކުރުންތަކެއްވެސް ކުރިއަށް ގެންދަނީއެވެ. އިޒްރޭލުން މިދެންނެވި ގޮތަށް އަރަބި ދުނިޔޭގެ ކަންކޮޅުތަކުގައި ޖަރީމާތައް ހިންގަމުން ދަނިކޮށް މި ހަފުތާގައި އިވުނު އަޑަކީ އިޒްރޭލުގެ ވައިގެ ސިފައިންނާ ގުޅިގެން ގަލްފުގެ އަރަބި ބައެއް ގައުމުތަކުން ހަގުރާމައިގެ ތަމްރީނުތަކެއް ފެށި ވާހަކައެވެ. ތޯތޯ ފޭކު ވާހަކައެއް ނޫނެވެ. ހަގީގީ ވާހަކައެކެވެ. ޔޫރަޕުގެ ގައުމެއް ކަމަށްވާ ގްރީސްގައި ހުސްވި މާރޗް މަހުގެ ސައުވީސް ވަނަ ދުވަހުން ފެށިގެން ކުރިއަށްމިދާ އެޕްރީލް މަހުގެ އެގާރަވަނަ ދުވަހާ ހަމަޔަށް ވައިގެ ހަގުރާމައިގެ ބޮޑު ތަމްރީނުތަކެއް ކުރިއަށް އެބަގެންދެއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ ގްރީސްގައި ކަމަށްވިޔަސް މިކަމުގައި އިސްދައުރެއް އަދާކުރަނީ އިޒްރޭލާއި އެމެރިކާއިންނެވެ. މި ތަމްރީނުތަކަކީ ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ ވަރަށް ބޮޑު ތަމްރީނުތަކެކެވެ.

ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން އަސްކަރީ ޕައިލެޓުންނާއި އިންޖިނޭރުންނާއި މަތިންދާބޯޓުތައް މި ތަމްރީނުތަކުގައި ބައިވެރިކުރާ ގައުމުތަކަކީ ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހުރޭނެވެ. ތިޔަ ވިދާޅުވެވުނީ ރަގަޅަށެވެ. ގަތަރާއި އެމިރޭޓްސް އާއި ބަހުރޭނުގެ ވައިގެ ލަޝްކަރުތައް މިވަގުތު އެތިބީ އިޒްރޭލާއި އެމެރިކާގެ ވައިގެ ސިފައިންނާ ބައިވެރިވެގެން ވަރުގަދަ ފަރިތަކުރުންތަކެއްގައެވެ. މިއީ އެންމެފަހުގެ އިލެކްޓޯނިކް އަލާތްތައް ބޭނުންކޮށްގެން ވައިގެ ހަގުރާމައެއްގައި ކުރިފަސް ހޯދާނޭގޮތް ތަޖުރިބާކުރުމުގެ ތަމްރީނުތަކެއް ކަމަށްވެއެވެ. ކުރިން މިދެންނެވި ގައުމުތަކުގެ ތެރެއިން އެމިރޭޓްސް އާއި ބަހުރައިނަށްވުރެވެސް އަޅައިގަތުން ބޮޑު ގައުމަކީ ގަތަރެވެ. އެމިރޭޓްސް އާއި ބަހުރައިނަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އިޒްރޭލާ ގުޅުން އުފައްދައި އެކި ދާއިރާތަކުގައި މުއާމަލާތު ކުރުން ކުރިއަށް ގެންދާ ގައުމުތަކެކެވެ. އެކަން ފެށިފައިއޮތީ އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕު ހުންނެވި އެންމެ ފުރަތަމަ ދައުރުގައެވެ.

އެހިސާބުން ފެށިގެން ސިއްރާއި ފާޅުގައި އެމިރޭޓްސް އާއި އިޒްރޭލާ ދެމެދު މުއާމަލާތު ކުރެވެމުންދެއެވެ. އަސްކަރީ ކަންކަންވެސް ހިމެނޭގޮތުންނެވެ. އެކަމަކު ގަތަރަކީ އިޒްރޭލާއެކު އެޒާތުގެ ގުޅުންތަކެއް ހިންގިކަން އެނގޭ ގައުމެއް ނޫނެވެ. ގަތަރު ބޮޑަށް ފާހަގަ ކުރެވެމުންދިޔައީ ހަމާސްއާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމް ކުރެވޭތޯ މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެއްގެ ގޮތުގައެވެ. ސުލްހައިގެ އެއްބަސްވުންތައް ސްޕޮންސަރ ކުރާ ގައުމެއްގެ ގޮތުގައެވެ. މިކަން މިހެންއޮތްވައި، ފަލަސްތީނުގެ ކުޑަކުދީންނާއި މާބަނޑު އަންހެނުންނާއި މުސްކުޅިން މަރައި ހުސްކުރުމުގެ ހަރަކާތުގެ މެދުތެރެއިން އިޒްރޭލާ ގުޅިގެން ހަގުރާމައިގެ ފަރިތަކުރުންތަކެއް ގަތަރުން ކުރިއަށް ގެންދާ ވާހަކަ ފެތުރުމަކީ ކުރިން ދެންނެވި ޒާތުގެ މެދުވެރިކަން ކުރިއަށްއޮތް ތަނުގައި ގަތަރަށް އަދާކުރެވިދާނެތޯ ސުވާލުތަކެއް އުފެދިގެންދިޔަ ކަމެކެވެ. އެނގިފައިވާ ގޮތުގައި ގްރީސްގައި ކުރިއަށްދާ ފަރިތަކުރުންތަކުގައި އިޒްރޭލްގެ ބައިވެރިވުންއޮތްކަން ސިއްރު ކުރުމަށް އިޒްރޭލާއި އަރަބި ގައުމުތަކުން ގްރީސްގައި އެދިފައިވެއެވެ.

ލިސްޓް ހާމަކުރިއިރު ގްރީސްގެ ސަރުކާރުން ވަނީ މިދެންނެވި އެދުމަށް އިޖާބަނުދީ ފުލް ލިސްޓް ހާމަކޮށްފައެވެ. މިކަން ފަޅާއެރީ އެގޮތުންނެވެ. އިނިއޯކޯސް 2025 ގެ ނަމުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގައި ގަލްފުގެ މުއްސަނދި އަރަބި ތިން ގައުމަކުން ބައިވެރިވުމުގެ މާނަޔަކީ ކޮބައިހެއްޔެވެ. އިޒްރޭލުގެ ސިފައިންނާއެކު މިކަހަލަ ދަނޑިވަޅެއްގައި އަރަބި ގައުމުތަކުން އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމުން ދެން ދުނިޔެއަށް ލިބެނީ ނުވަތަ ދެވެނީ ކޮންކަހަލަ މެސެޖުތަކެއް ހެއްޔެވެ. ވަރަށް ސާފުނޫންތޯއެވެ. އިޒްރޭލުގެ ޖަރީމާތައް ހުއްޓުވުމުގެ ނިޔަތެއް ނެތެވެ. އޮތީ އިޒްރޭލަށް އެއްބާރުލުން ދިނުމުގެ ނިޔަތެކެވެ. އެހެންނޫންނަމަ މި ލިޔުން ފަށަމުން ބަޔާންކުރެވުނު ޖަރީމާތައް އެގޮތުގައި އިޒްރޭލުން ހިންގަމުން ދަނިކޮަށް އިޒްރޭލާ ބައިވެރިވެގެން އަސްކަރީ ފަރިތަކުރުންތަކެއްގައި ބައިވެރިވުމުގެ ބޭނުމެއް އޮންނާނެ ބާވައެވެ. އޮންނާނެހެން ހިޔެއްނުވެއެވެ. އަސްކަރީ ތަމްރީނުތައް ހިންގުމާއި އެ ތަމްރީނުތަކުގައި ބައިވެރިވުމަކީ ދުނިޔޭގެ އެންމެންވެސް ކުރާ ކަމެކެވެ. އައުކަމެއް ނޫނެވެ. އެކަމަކު ވަގުތާއި ހާލަތަކީ މުހިންމުކަންދެވޭ ކަންކަމެވެ.

އިނިއޯކޯސް 2025 އަށް ދުނިޔޭގެ ސަމާލުކަންލިބި އަރަބީންގެ ބައިވެރިވުން ތަހުލީލުކުރަން މެދުވެރިވާ ސަބަބަކީ މިދެންނެވި ތަމްރީނުތަކުގެ ވަގުތާއި ހާލަތެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހުރައިނާއި ގަތަރުން އިޒްރޭލާއެކު އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާއިރު މިކަމުގައި ސަރަހައްދުގެ އެންމެ ބޮޑުބާރު ކަމަށްވާ ސައޫދީ އަރަބިޔާގެ ބައިވެރިވުމެއް ނެތެވެ. އޭގެމާނަޔަކީ ސައުދީ އަރަބިޔާއިން އެމެރިކާ އާއި އިޒްރޭލާ ދެކޮޅުވެރިވެގެން އުޅުމެއް ނޫނެވެ. ސައޫދީ އަރަބިޔާއާއެކުވެސް އޮތީ ބަދަހި ގުޅުމެކެވެ. ރަސްމީ ސިފައެއްނެތް ގުޅުމަކަށްވިޔަސް މެއެވެ. ޔުކްރޭނަށް ސުލްހަ ގެނައުމުގެ ގޮތުން އެމެރިކާއިން އިސްވެއޮވެ ކުރިއަށް ގެންދާ ޑިޕްލޮމެޓިކް ހަރަކާތްތައް ސައޫދީ އަރަބިޔާގެ ރިޔާޒާއި ޖިއްދާގައި ހިންގުމަކީ ކުރިން މިދެންނެވި ގުޅުންތަކުގެ ބަދަހިކަން ހާމަވެގެންދާ ކަމެކެވެ. ރައީސް ޓްރަމްޕުގެ ރުހުމާއި އިތުބާރު ސައޫދީ އަރަބިޔާއަށް އޮތްމިންވަރު ހާމަވެގެންދާ ކަމެކެވެ. ކޮންމެއަކަސް ކަންއޮތީ މިފަދައިންނެވެ. އެހެންވީމާ އިޒްރޭލާއި އެމެރިކާގެ އުދުވާންތަކަށް ނިމުން ގެނައުމަށް އަރަބީން ގުޅިގެން އެކަތިގަޑަކަށްވެގެން ކުރެވޭނެ އެއްކަމެއްވެސް އޮންނާނެ ބާވައެވެ. ހިޔެެއް ނުވެއެވެ.