އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރެއިން އެންމެ ސީރިއަސް ރިޝްވަތުގެ ދައުވާ ސާބިތުވުމުގެ ފުރުސަތު ކުޑަކަމަށް ބުނެ، އެ ދައުވާތައް އަނބުރާ ގެންދިއުމަށް އިސްރާއީލުގެ ޤުދުސް ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެ ގައުމުގެ އެޓާނީ ޖެނެރަލަށް ލަފާދީފިއެވެ.

މި ލަފާ ދިނީ ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރެއިން 4000 ވަނަ މައްސަލައިގެ ނަމުން މަޝްހޫރުވެފައިވާ މައްސަލައިގައެވެ. މި މައްސަލައިގައި ނަތަންޔާހޫގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މުއާސަލާތީ ކުންފުންޏަކަށް ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާތަކެއް ހޯއްދަވައިދެއްވި ކަމަށެވެ.

ޤުދުސްގެ ޑިސްޓްރިކްޓް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި އިސް ފަނޑިޔާރު ރިވްކާ ފްރީޑްމަން-ފެލްޑްމަން ވިދާޅުވީ، ރިޝްވަތުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ކުށް ސާބިތުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. އެހެންކަމުން އާންމު މަސްލަހަތަށްޓަކައި މި މައްސަލައާމެދު އަލުން ވިސްނައި، ދައުވާ އަނބުރާ ގެންދިއުމަށް ފަނޑިޔާރުން ވަނީ އެޓާނީ ޖެނެރަލް ގާލީ ބަހާރަވް-މިއާރާއަށް އިރުޝާދު ދެއްވައިފައެވެ.

މީގެ އިތުރުން 2000 ވަނަ މައްސަލައިގެ ނަމުގައި ކުރިއަށްދާ ދެވަނަ މައްސަލައިގައި ނަތަންޔާހޫ ކުރެއްވި ކަންކަމަކީ ޖިނާއީ ކުށެއްގެ ތެރޭގައި ހިމެނޭ ކަންކަންތޯ ފަނޑިޔާރުން ސުވާލު އުފެއްދެވިއެވެ. އަގު ބޮޑު ހަދިޔާތަކެއް ގަބޫލު ކުރެއްވި ކަމަށް ބުނާ 1000 ވަނަ މައްސަލައިގައި ދެފަރާތުން ވާހަކަދައްކައިގެން ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އައުމަށް ވެސް ފަނޑިޔާރުން ވަނީ އިރުޝާދު ދެއްވައިފައެވެ.

ފަނޑިޔާރުންގެ މި ނިންމެވުންތަކާ ގުޅިގެން ޓީވީ މެދުވެރިކުރައްވައި ދެއްވި ހިތޯބެއްގައި ނަތަންޔާހޫ ވިދާޅުވީ، މިއީ ހަގީގަތާއި އަދާލަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ވޭތުވެދިޔަ 10 އަހަރު އޭނާއާއި އޭނާގެ އާއިލާއިން އުފުލި ތަކުލީފުތަކަށްފަހު ހަގީގަތް ހާމަވެއްޖެ ކަމަށް ވިދާޅުވެ، މި ޝަރީއަތް ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

2019 ވަނަ އަހަރުން ފެށިގެން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކުގެ ޝަރީއަތް 2020 ގައި ފެށުނު ނަމަވެސް، އިސްރާއީލުގެ ސިޔާސީ މަޝްރަހާއި ހަނގުރާމައިގެ ސަބަބުން މައްސަލަ ވަނީ ވަރަށް ބޮޑަށް ދެމިގެންގޮސްފައެވެ. އެޓާނީ ޖެނެރަލް ވިދާޅުވީ ފަނޑިޔާރުންގެ އިރުޝާދުތަކަށް ބަލައި ޕްރޮސެކިއުޝަނުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.