އިޒްރޭލުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށްޓަކައި ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރު އިދިކޮޅު ލީޑަރު ގާދީ އައިޒެންކޯޓަށް ދިނުމަށްފަހު ދެވަނަ ދައުރުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ވެރިކަން ބަހާލުމުގެ އެއްބަސްވުމެއް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހަޅުއްވައިފިއެވެ.
މީސްމީޑިއާގައި ނެރުއްވި ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ، ގައުމަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އެންމެ ބޮޑު ޕާޓީން ވެރިކަން ކުރަން ޖެހޭނެ ކަމަށް ގެންގުޅުއްވި އުސޫލު ދޫކޮށްލައްވައި، އައިޒެންކޯޓު ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވުމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. މިއީ އިޒްރޭލުގެ ސިޔާސީ މަޝްރަހުގައި ނަތަންޔާހޫ ދެއްވި ވަރަށް ބޮޑު ދޫދެއްވުމެކެވެ.
މި ހުށަހެޅުމާ ގުޅިގެން ޔާޝާރު ޕާޓީގެ ލީޑަރު ގާދީ އައިޒެންކޯޓު ވިދާޅުވީ، ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ އިހުލާސްތެރިކަން ބެލުމަށް ކުރިއަށް އޮތް 24 ގަޑިއިރުގެ ފުރުސަތެއް ދެއްވާނެ ކަމަށެވެ. އަދި ދެ ބޭފުޅުން ސީދާ މަޝްވަރާތައް ފެއްޓެވުމަށްވެސް އައިޒެންކޯޓު ވަނީ ދައުވަތު ދެއްވައިފައެވެ.
މިއަހަރުގެ އޮކްޓޯބަރު 27 ގައި ބޭއްވި އިންތިހާބަށްފަހު، ސަރުކާރެއް އެކުލަވައިލުމުގެ މަސްއޫލިއްޔަތު ރައީސް އިސާކް ހާޒޮގް ހަވާލުކުރެއްވީ އައިޒެންކޯޓާއެވެ. ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް 27 ގޮނޑި ލިބުނު ނަމަވެސް، މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 67 މެންބަރުންގެ ތާއީދު ލިބުނީ އައިޒެންކޯޓަށެވެ.
އައިޒެންކޯޓު ގެންދަވަނީ ނަތަންޔާހޫއާ ނުލައި އެހެން ޕާޓީތަކާއެކު 61 ގޮނޑީގެ އަގުލަބިއްޔަތު ހަމަކޮށް ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުންނެވެ. ނަތަންޔާހޫގެ ހުށަހެޅުއްވުމާމެދު އިދިކޮޅު ކޯލިޝަންގެ ތެރޭގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، ކުރީގެ ބޮޑުވަޒީރު ޔާއިރު ލަޕީޑް ވަނީ މިއީ ނަތަންޔާހޫގެ އޮޅުވައިލެއްވުމެއް ކަމަށް ސިފަކުރައްވައިފައެވެ.
ކޮމެންޓް