އައްޑޫގެ ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ.

ސަވާހިލިއަކީ އައްޑޫ ފޭދޫ އާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ފަޅު ރަށެކެވެ.

އައްޑޫ ކައުންސިލުން މިއަދު ގެޒެޓުގައި ކުރި އިއުލާނުގައި ބުނީ ސަވާހިލީގެ 858،462 އަކަފޫޓުގެ ބިމެއްގައާއި އެ ރަށުގެ ފަޅުގައި ފަތުރުވެރިކަން ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ ރަށުގައި ފަތުރުވެރިކަން ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 15 ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅެން ހުންނާނެ ކަމަށް އައްޑޫ ކައުންސިލުން ބުންޏެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ [email protected] މެދުވެރިކޮށް ކަމަށެވެ.

އައްޑޫ ކައުންސިލުން ބުނީ ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީކުރަންވާނީ އެހެން ރިސޯޓުތައް އަދި ގެސްޓުހައުސްތަކުގެ އިތުރުން އައްޑޫގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ވެސް ހިދުމަތް ދެވޭ ގޮތަށް ކަމަށެވެ.

އަދި ބުނީ އެތަނުގައި ފަތުރުވެރިކަން ތަރައްގީކުރަން ވާނީ 10 ކޮޓަރީގެ ގެސްޓްހައުސްއަކާއެކު ކަމަށެވެ. އެ ރަށުގައި ރެސްޓޯރެންޓެއް، ބާއެއް، އިންޑޯ އަދި އައުޓްޑޯ ސްޕޯޓްސް ފެސިލިޓީގެ އިތުރުން ވޯޓާ ސްޕޯޓްސް އަދި ސްޕާ/ވެލްނެސް ސެންޓަރެއް ހުންނަން ޖެހޭނެ ކަމަށްވެސް އައްޑޫ ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ސުވިމިންޕޫލެއްވެސް ހުންނަން ޖެހޭނެކަމަށް އައްޑޫ ކައުންސިލުން ބުންޏެވެ.

ސަވާހިލި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރަަށް ކަމަށް އައްޑޫ ކައުންސިލުން ބުންޏެވެ.

ސަވާހިލީގައި އެންމެ ފުރަތަމަ ފަތުރުވެރިކަން ތަރައްގީކުރަން އައްޑޫ ކައުންސިލުން ނިންމީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. އޭގެ ފަހުން އައްޑޫ ކައުންސިލުން ވަނީ އެތަނުގައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރި ހިންގަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އިއުލާންކޮށްފައެވެ.