އުރީދޫ މޯލްޑިވްސްގެ ކަލަންޑަރާއެކު ތައާރަފުކުރި އޭއައި ޗެޓްބޮޓުން މިމަހު ސަންތި މަރިޔަނބާ ޗެޓްކޮށްލެވޭނެ ކަމަށް އުރީދޫން ބުނެފިއެވެ.
އުރީދޫން މިއަދު ބުނީ މިމަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓުން ބައްދަލުކުރާނީ ސަންތި މަރިޔަނބު ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯ ވާހަކަތަކުގެ އެކި ޝަހުސިއްޔަތުތަކަށެވެ. އަދި އޭއައި މެދުވެރިކޮށް އެ ޝަހުސިއަޔަތުތަކާ ވާހަކަދެކެވޭ ގޮތް ވަނީ ފަހިކޮށްދީފައެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާ އެ ކަލަންޑަރުގައި ހިމެނެއެވެ.
އުރީދޫން ބުނީ އެ ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބައެއް ކަމަށާއި އެއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށެވެ. އަދި މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށް އުރީދޫން ފާހަގަކުރެއެވެ.
އުރީދޫން ބުނީ އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު އެ އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ ކަމަށާއި ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބުދީ، އެ މީހުންގެ ދުނިޔެއާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ކޮންމެ މަހަކުވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓައި "ޑިޖިޓަލް މޯލްޑިވްސް"އެއް ބިނާކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އުރީދޫއާ ގުޅިގެން، ދިވެހީންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް އެ ކުންފުނިން ދައުވަތު އަރުވައެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް