ގާނޫނުއަސާސީ އާއި ކަމާގުޅޭ ގާނޫނުތަކާއި އަދި މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާ ހިލާފަށް ސަރުކާރާއި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހަރަދު ކުރާ ކަމަށް ބުނެ، އެ މައްސަލަައިގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ތަޅުމުން ބޭރުކޮށްލައިފިއެވެ.

މި ގަރާރަކީ އިދިކޮޅު އެމްޑީޕީގެ މެންބަރު، ހުޅުމާލެ ދެކުނު ދާއިރާގެ ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރެކެވެ.

މި ގަރާރަށް މިއަދުގެ ޖަލްސާގައި ބަހުސް މެންބަރުން ބަހުސް ކުރެއްވުމުން، ގަރާރު މަޖިލީހަށް ބަލައިގަނޭތޯ ބެލުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން، ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުންނެވެ.

ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް ވެރިކަންކުރާ ޕީއެންސީގެ 46 މެންބަރުން ވޯޓު ދެއްވިއެވެ.

މި ގަރާރުގައި ބުނެފައި ވަނީ، މަޖިލީހުގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެ ކަމަށާއި ބަޖެޓުގައި ވަކި ކަމަކަށް ކަނޑައަޅާފައިވާ ފައިސާ، އެނޫން ކަމަކަށް ހަރަދު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ މައިގަނޑު މަގުސަދަކީ، ދެމެހެއްޓެނިވި އިގުތިސޯދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި "ޕްރައިޒް ސްޓެބިލިޓީ" ދެމެހެއްޓުމާއި އެ މަގުސަދު ހާސިލު ކުރުމަށް އުނިކަމެއް ނާންނާނެހެން ރާއްޖެއަށް އިގުތިސޯދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގައި ބަޔާން ކުރާ ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މައިގަނޑު މަސައްކަތާއި ބާރުގެ ގޮތުގައި، މަނިޓަރީ ސިޔާސަތުތައް އެކަށައަޅައި، ފާސްކުރުމާއި އެމްއެމްއޭގެ މަގުސަދުތަކާއި މައިގަނޑު އިންޓްރެސްޓް ރޭޓްތަކާއި ރާއްޖޭގައި ފައިސާ ލިބެން ހުންނާނެ ގޮތް ހެދުމާއި އެކަންކަމާ ގުޅޭގޮތުން އެއިރަކަށް އެކަށީގެންވާ ނިންމުންތައް ކަނޑައެޅުން، އެ ގާނޫނުގައި ހިމަނާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"މާލިއްޔަތުގެ ގާނޫނާއި، މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތް ނޫންގޮތަކަށް، ދައުލަތުގެ ފައިސާއިން ހަރަދުކުރުން ނުވަތަ މުދަލެއް ވިއްކާލުން، ނުވަތަ ނައްތާލުން، ނުވަތަ ދޫކޮށްލުން އެއީ ހުއްދަ ނޫން އަމަލެއް، ދައުލަތުގެ ފިޒްކަލް ޒިންމާގެ ގާނޫނުގައި، މަރުކަޒީ ބޭންކުން ދަރަންޏަށް ސަރުކާރުން ފައިސާ ނަގަންވާނީ، ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް، ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާގޮތަށް، އެޑްވާންސެއްގެ ގޮތުގައި، މިގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ 2.5 އިންސައްތަ އަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވޭ،" ގަރާރުގައި ބުންޏެވެ.

ނަމަވެސް އެމްއެމްއޭ އިން ފައިސާ ނެގުމުގެ ބޭނުމުގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކިއްޔާތުގައިވާ ބިމެއް ގަތުމުގެ މުއާމަލާތެއް އެމްއެމްއޭ އިން ހިންގުމަށްފަހު، އެޗްޑީސީ މެދުވެރިކޮށް އެ ފައިސާ ސަރުކާރަށް ދިނުމަށްޓަކައި، ހުޅުމާލޭން ބިން ގަތުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށްވެސް ގަރާރުގައިވެއެވެ.

އެމްއެމްއޭގެ އޮފީސް ހިންގަން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަން ޖެހޭނެ ސަބަބެއް ނެތް އިރު، އެކަންކަމުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް ހިމެނޭ ކަމަށްވެސް ގަރާރުގައިވެއެވެ.

"އެފަދަ މުއާމަލާތެއް ހިންގައިގެން މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ، ދައުލަތުގެ ފިޒިކަލް ޒިންމާގެ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް، ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުން،" ގަރާރުގައި ބުންޏެވެ.

އެހެންކަމުން އެކަމަކީ މަރުމަޒީ ބޭންކުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އަދި މިއީ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އެކަންކަމުގެ ބޭރުން މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި އަދި މަޖިލީހަށް އެންގުމަކާ ނުލައި ކުރާކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް ބޮޑަށް އުފުލުމަކީ އެކަށީގެންވާކަމެއް،" ގަރާރުގައި ބުނެފައިވެއެވެ.