އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސް ކުރާތީ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަޙަޅަން އެދުނު ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިނެވެ.
އެ ކުއްލި މައްސަލައާ ބެހޭގޮތުން، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައަކީ ރައްޔިތުން ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާ މެދު އަޅާފައިވާ ނުވަަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔަން ހުށަހަޅާ މައްސަލައަކަށްވާންވާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނާ ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސާ ގުޅޭ މައުލޫއަށް އޮތް މައްސަލައަކަށް ނުވުމަކީ ކުއްލި މައްސަލައެއްގައި ހިމެނެންޖެހޭ ސިފައެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން މެންބަރު ޒާކިރު މަޖިލީހަށް ހުށަޅަން ނިންމި ކުއްލި މައްސަލައިގައި، މަޖިލިސް ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަނުވާތީ، އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މައުރޫފް ޒާކިރުގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން 2 ޖޫން 2024 ގައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހާ އެކު، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަވައި، އިޒްރޭލް ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމަވައިފައިވާ ކަމަށް ހަމަ އެދުވަހު އިއުލާނުކުރެއްވި ކަމަށެވެ. ނަމަވެސް، މިއަދާ ހަމައަށް އައި އިރުވެސް އެކަމަށް އަމަލީ ސިފަ ގެނައުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް ސަރުކާރުން ބޭނުންވާ ބިލުތައް އިންތިހާ އަވަސްމިނެއްގައި ކުރިއަށްގެންދާ އިރު، އެބިލު ރައްޔިތުންގެ މަޖިލީހުގައި ހުއްޓުވައިފައި އޮންނަތާ ނުވަ މަސް ވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް