ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ދަރީންނަށް ތައުލީމު ދިނުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓު ކަމަށެވެ. އަދި އުނގަންނައިދިނުމަކީ ދީނީ، ގައުމީ، އިޖުތިމާއީ އަދި އިންސާނީ ވާޖިބެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށް ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާހައުލުތައް ގާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދީ، ތައުލީމީ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަހުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލުވުމަށް ސަރުކާރުން ހިންމަތް ކުރާނަމެވެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަރީންނަށް އާރުލާ ތައުލީމެއް ދެވޭނީ މުޅި މުޖުތަމައުގެ ބައިވެރިވެގެން ކަމަށެވެ. ދަރިވަރުންގެ ހައްގުގައި ބެލެނިވެރީންނާއި އެދުރުގެތަކުންވެސް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ، މި ފެށުނު ދިރާސީ އާ އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫހެއްގައި ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމެވެ. ގައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްގީކުރުމުގައި އެއްބާރުލުން ދެއްވުމެވެ. އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ، ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަމެވެ،" ރައީސް ވިދާޅުވިއެވެ.
ކޮންމެ ކުއްޖަކީވެސް ގައުމަށް ބޭނުންތެރި، ހަރުދަނާ ދަރިއަކަށް ހެދުމަށްޓަކައި ކިޔަވައިދިނުމަކީ ސަރުކާރާއި ރައްޔިތުންގެ ވެސް ވާޖިބެއް ކަމަށެވެ. ކޮންމެ އުމުރެއްގައި ވެސް އިތުރަށް ކަންކަން އުނގެނެން މަސައްކަތް ކުރުމަކީ ކޮންމެ އިންސާނެއްގެ ވެސް ކާމިޔާބީއާ ގުޅިފައިވާ އެންމެ ބޮޑު ސިއްރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަަށް ރައީސް ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިލްތިމާސްކުރެއްވީ ކަމަށްކަމޭ ހިތައިގެން އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ. ބެލެނިވެރީންގެ އަރިހުން އެދިވަޑައިގެންނެވީ ދަރީންނަށް ރަނގަޅު ތައުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއް ވެސް ފަރުވާކުޑަ ނުކުރެއްވުމަށެވެ.
އަލީ އަފާފު ރަމީޒު
ދިރާސީ އާއަހަރު
ދިރާސީ އާއަހަރު
ދިރާސީ އާއަހަރު