މިހާރު ހިނގަމުންދާ ޓާމުގެ ކިޔެވުން 30 އޭޕްރިލްގައި ނިންމައި، ދިރާސީ އާ އަހަރުގެ ކިޔެވުން 26 މެއިގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި، 2023/2024ގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި އޮތް ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ 13 ޖޫންގައެވެ. އަދި ޖެހިގެން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށަން ނިންމާފައި އޮތީ 31 ޖުލައިގައެވެ.
ނަމަވެސް ދިރާސީ އާ އަހަރު ޖެނުއަރީ މަހު ފަށައި އަހަރީ ޗުއްޓީ ޑިސެމްބަރުގައި ލިބޭ ގޮތަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ތަންފީޒު ކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އިއްޔެ ފެށި ދެވަނަ ޓާމަށް ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން 2023-2024ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ 30 އޭޕްރިލްއަށެވެ. އަދި 2024-2025ގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ 26 މެއިގައެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ، ދިރާސީ އާ އަަހަރުގެ ކިޔެވުން 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށާ ގޮތަށް ކެބިނެޓުން ފާސްކޮށްފައިވާކަން އިއުލާން ކުރައްވައިފައެވެ.
އެ ބަދަލާއެކު 2025ވަނަ އަހަރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު