އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ބްރެންޓްފޯޑާ އެއްވަރުވި އިރު، އޭގެ ފައިދާ ނަގަން މެންޗެސްޓާ ސިޓީ ކުރި މަސައްކަތް ކާމިޔާބުނުވެ، މެންޗެސްޓާ ޔުނައިޓެޑް ކައިރިން އެއްވަރު ވެއްޖެއެވެ.
ޗެލްސީން ރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މިވަގުތު ޗެލްސީން ހަތަރު ވަނައިގައި އޮތް އިރު، އެޓީމުގެ ފަހަތުން ފަސްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ވާދަވެރި ޔުނައިޓެޑް އެއްވަރުވީ ވެސް ގޯލެއް ނުޖެހިއެވެ. އެއީ އޯލްޑް ޓްރެފޯޑުގައެވެ.
މިހާތަނަށް ޗެލްސީއަށް 31 މެޗުން 53 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި ސިޓީ އޮތީ 31 މެޗުން 52 ޕޮއިންޓާއެކުގައެވެ. ހަވަނައިގައި އޮތް އެސްޓަން ވިލާއަށް 31 މެޗުން 51 ޕޮއިންޓް ލިބިފައިވާ އިރު، ނިއުކާސަލް ހަތްވަނައިގައި އޮތީ 29 މެޗުން 50 ޕޮއިންޓާއެކުގައެވެ. އެހެންކަމުން އެޓީމަށް ގަދަ ހަތަރެއްގެ ފުރުސަތު ބޮޑެވެ.
ޗެލްސީ އާއި ބްރެންޓްފޯޑު ރޭ ކުޅުނު މެޗުގައި ހަމަލާތައް ގިނަކޮށް ފެނުނު އިރު، ޗެލްސީން ވަނީ 21 ހަމަލާއެއް އުފައްދައިފައެވެ. އެހެން ނަމަވެސް އެޓީމަށް އެންމެ އެދެވޭ ހުސް ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
އަނެއްކޮޅުން ބްރެންޓްފޯޑުން ނުވަ ހަމަލާއެއް އުފެއްދި އިރު، އެ ޓީމުން ވަނީ ޗެލްސީއަށް ނުރައްކާ ކޮށްފައެވެ. ފުރަތަމަ ހާފުގައި މިކޭލް ޑެމްގާޑަށް ލިބުނު ހުސް ފުރުސަތު އޭނާ އަތުން ބޭކާރުވި އިރު، ކީން ލެވިސް-ޕޮޓާ ބޮލުން ފޮނުވާލި ހަމަލާވެސް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފުގައި ވެސް ބްރެންޓްފޯޑުން ބޮޑަށް ނުރައްކާ ކުރި އިރު، ބްރައިން އެމްބުއޭމޯ އާއި ޔޯނޭ ވީސާގެ ހަމަލާތައްވެސް ވީ ނާކާމިޔާބެވެ.
ސިޓީ އާއި ޔުނައިޓެޑް ވާދަކުރި މެޗު ފޫހި ގޮތަކަށް ނިމިގެން ގޮސްފައިވާ އިރު، ޔުނައިޓެޑުން ބޮޑަށް ފެނުނީ ބައިކުޅަބައި ފުރުސަތުތައް ތަނަވަސް ކުރި ތަނެވެ. އެޓީމަށް ހުސް ފުރުސަތެއް ތަނަވަސް ނުކުރެވި މެޗު ނިމުނި އިރު، ސިޓީން ދެ ފަހަރެއްގެ މަތިން ނުރައްކާ ކުރިއެވެ. އެގޮތުން އޮމަރު މަރްމޫޝްއަށް ލިބުނު ދެ ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު