ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް އދ. މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ކުރިއަށްދާ ހާއްސަ އިވެންޓުތަކުގައި ބައިވެރިވުމަށް ކްލަބު ލެޖެންޑް އެޑްގާ ޑޭވިޑްސް އެ ރަށަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޔުވެންޓަސްއަކީ ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ކާމިޔާބު ކްލަބެކެވެ. އެތައް ލެޖެންޑަރީ ކުޅުންތެރިންގެ ނަންތައްވެސް ފާހަގަވެފައިވާ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. އެ ކްލަބުން އަހަރީ ދުވަސް ފާހަގަކުރުމަށް ދުނިޔެއިން ހޮވާލެވޭ ތިން ފުޓުބޯޅަ ދަނޑެއްގައި ކުރިއަށްގެންދަން އާންމުކޮށް ހުޅުވާލިއެވެ.
އެ ހުޅުވާލި ފުރުސަތުގައި ހަރަކާތްތައް އަމާޒުކޮށް ހިންގާ ތިން ދަނޑުގެ ތެރެއިން އެއް ދަނޑަކީ އދ. މަހިބަދޫގެ ޕެލޭ ސްޓޭޑިއަމެވެ.
ޔުވެންޓަސްއިން އަހަރީ ދުވަހުގެ ހަރަކާތްތައް ފާހަގަކުރުމަށް އިވެންޓުތައް ހިންގަން ރާވާފައިވާ ތިން ދަނޑަކީ މަހިބަދޫ ދަނޑުގެ އިތުރުން، އެމެރިކާގެ ނިއު ޔޯކް ސިޓީގެ ދަ ގްރައުންޑް އަދި ޑެންމާކުގެ ފާރޯ އައިލެންޑްގެ ދަނޑު އުއްޕީ އޭ ބްރެކޫގައެވެ.
މަހިބަދޫ ދަނޑުގައި ކުރިއަށްގެންދާ ހަރަކާތްތައް ހަތަރު ދުވަހަށް ދެމިގެންދާ އިރު، ހަރަކާތްތައް ކުރިއަށްގެންދާނީ އެކްސްޓްރީމް ފީލްޑްސްގެ ނަމުގައެވެ.
ހަތަރު ދުވަހުގެ ހަރަކާތްތައް މިމަހުގެ 10 ވަނަ ދުވަހު ފަށާ އިރު، ހާއްސަ މެޗު އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު ޔުވެންޓަސް ސަޕޯޓަރުންގެ މެދުގައި ހޮވާލެވޭ ދެ ޓީމަކުން ކުޅޭ މެޗުގައި އެޑްގާ ޑޭވިޑްސް ބައިވެރިވާނެއެވެ.
މަހިބަދުއަށް ޔުވެންޓަސްގެ ހަރަކާތްތައް ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރީ މަހިބަދޫގެ މުހައްމަދު ނައުޝާދު (ނަޓީ)އެވެ.
ނަޓީގެ މަސައްކަތަކީ މިއަދު ފެށުނު މަސައްކަތެއް ނޫނެވެ. މީގެ ކުރިންވެސް ފުޓުބޯޅައިގެ ތެރޭގައި އުޅެމުންދާ ނަޓީގެ އެތައް ވީޑިއޯއަކަށް ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ހާއްސަކޮށް ރާއްޖޭގެ ދަނޑުތަކުގެ ތަފާތުކަމާއި، ޖަޒީރާވަންތަކަމުގެ އިތުރުން، ދޮންވެލީގެ ހިތްގައިމުކަން ދަނޑުތަކާ ގުޅޭ ގުޅުންތައް ނަޓީގެ އެކިއެކި ފޮޓޯތަކާއި ވީޑިއޯތަކުން ފެނިގެންދެއެވެ. އެ މަންޒަރުތަކަށް ދުނިޔޭގެ ބޮޑެތި އެތައް ޕީއޭރް ޕޭޖުތަކެއްގެ ސަމާލުކަންވެސް ހުއްޓި، ނަޓީ ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަވެގެން ގޮސްފައެވެ. އަދި ރާއްޖޭގެ ހިތްގައިމުކަން އިޝްތިހާރު ކުރުމުގައި އޭނާ ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގެންފައިވެއެވެ.
ޔުވެންޓަސް ލެޖެންޑް އެޑްގާ ޑޭވިޑްސްއަކީ ނެދަލޭންޑްސް ގައުމީ ޓީމުގެ ލެޖެންޑެކެވެ. އޭޑްގާ ޑޭވިސް އަކީ ޔުވެންޓަސްއާއެކު ތިން ފަހަރު ލީގު ކާމިޔާބުކޮށް، 159 މެޗު ކުޅެދީފައެވެ.
އެޑްގާ ޑޭވިޑްސް ނެދަލޭންޑްސްއަށް 74 މެޗު ކުޅެފައިވާ އިރު، އޭނާއަކީ 1998 ވަނަ އަހަރު ވޯލްޑް ކަޕްގެ އޯލް ސްޓާ ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެކެވެ.
ޔުވެންޓަސް
ޔުވެންޓަސް
ޔުވެންޓަސް
ޔުވެންޓަސް