އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ކުރިއަށްއޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ޝަމްހީދު ފާޅުކުރައްވާފައިވަނީ އެމްޑީޕީގެ މެންބަރުންނަށް އޭނާ ފޮނުއްވި މެސެޖެއްގައެވެ.

ޝަމްހީދުގެ މެސެޖުގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުރި ފުރުސަތުތައް ހޯދުމަށް ބައްދަލުވުންތަކެއް ބޭއްވުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނަށް ޝަމްހީދު އެ މެސެޖު ފޮނުއްވާފައިވާކަން "ވަން"އަށް ކަށަވަރުކުރެވުނު ނަމަވެސް، ފޯނު ނުނަންގަވާތީ އެކަމާ ގުޅޭގޮތުން އޭނާގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނެވުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންގުޅުއްވައެވެ. އޭގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ގެންދަވަނީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ މަސައްކަތްކުރައްވަމުންނެވެ.

އެބޭފުޅުންގެ ތެރެއިން މިހާތަނަށް ޕްރައިމަރީގައި ވާދަކުރައްވާކަން ރަސްމީކޮށް އިއުލާންކުރައްވާފައިވަނީ ހަމައެކަނި ފައްޔާޒެވެ.