ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.

ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އެ މަސައްކަތުގައި އަމަލީ ސިފަ އެއިރު ޖެހިފައެއް ނުވެއެވެ.

އެމްޓީސީސީން ގުޅީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވީ، އެމްޓީސީސީގެ ސީއީއޯ ރިޓަޔާޑް ޑީސީޕީ އަހުމަދު ސައުދީއެވެ. އެ ރަށު ބިން ހިއްކުމަށް ބޭނުން ކުރަނީ އެމްޓީސީސީގެ ޑްރެެޖަރު މަހާ ޖައްރާފެވެ.

ރަސްމިއްޔާތުގައި ސައުދީ ވިދާޅުވީ، މިދިޔަ ސަރުކާރުން ގުޅީގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް މަޝްރޫއު ކުރިއަށްގެންދަން ބޭނުންވާ ބަޖެޓާއި ވަސީލަތް ފަހިކޮށްދީފައި ނުވާ ކަމަށާއި އެއިރު ވާހަކަ ދެކެވުނީ ޑްރެޖަރެއް ކުއްޔަށް ހޯދައިގެން އެކަން ކުރުމަށް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގައި އަމަލީ ސިފަ ޖެހިގެން ގޮސްފައިވާ ކަމަށް ސައުދީ ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ ސައުދީ--- ވަން ފޮޓޯ: ހަމްދާން

"މޫސުން ގޯސްނުވެ ނުހުއްޓި މަސައްކަތް ކުރިއަށްގޮސްފިނަމަ، 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ. ބިން ހިއްކުމުގެ ބައި. ދެން ގޮނޑުދޮށް ހިމާޔަތްކުރަން ފެށޭނެ،" ސައުދީ ވިދާޅުވިއެވެ.

ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކައި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖަހައި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގްރޮއިންވެސް ޖަހާނެއެވެ. އެ މަޝްރޫއަކީ 83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓުހައުސްގެ ވިޔަފާރި ކުރާ ގުޅިއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބިމުގެ ދަތިކަމެވެ. ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއާއެކު އެ ރަށުގެ ބިމުގެ ސައިޒު ދެގުނަވެގެންދާނެއެވެ.

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމައިދިނުމަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.