މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ކެވިން ޑި ބްރޭނާ އެ ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.
އުމުރުން 33 އަހަރުގެ ޑި ބްރޭނާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. 2015 ވަނަ އަހަރު ޑި ބްރޭނާ ސިޓީއާ ގުޅުނީ ވުލްވްސްބާގުންނެވެ. އެ ކްލަބާއެކު އޭނާ ވަނީ 16 ތަށި ހޯދައިފައެވެ.
ބެލްޖިއަމް މިޑްފީލްޑަރު ޑި ބްރޭނާއަކީ ފަހުގެ ތާރީހުގައި ޕްރިމިއާ ލީގު ދުށް އެންމެ މޮޅު މިޑްފީލްޑަރެވެ. ސިޓީ ދޫކޮށްލާނެކަން އިއުލާނުކުރަމުން ޑި ބްރޭނާ ބުނީ ގަޔާ ނުވިނަމަވެސް، މިއީ ސިޓީ ދޫކޮށްލަން ޖެހޭ ވަގުތުކަން އޭނާއަށް އިހުސާސް ކުރެވިއްޖެ ކަމަށެވެ.
ބެލްޖިއަމްގެ ޑި ބްރޭނާ ބުނީ ފުޓުބޯޅައިން އޭނާގެ ހަޔާތް ބަދަލުވި ކަމަށާއި ސިޓީއަކީ އޭނާގެ ކެރިއަރު ބަދަލުކޮށްލި ކްލަބެއް ކަމަށެވެ. އަދި ސިޓީއާއެކު ހުރިހާ ކާމިޔާބީއެއް ހޯދިއްޖެ ކަަމަށާއި އެ ކްލަބު ދޫކޮށްލަނީ އުފަލުން ހިތްހަމަ ޖެހިފައި ހުރެގެން ކަމަށެވެ.
ޑި ބްރޭނާ ވަނީ ސިޓީއަށް ކުޅުނު 413 މެޗުގައި 106 ގޯލު ޖަހާފައިވެއެވެ.
އެ ކްލަބުން މިދިޔަ 10 ވަރަކަށް އަހަރު ހޯދި ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި ޑި ބްރޭނާ ވަނީ ހަ ޕްރިމިއާ ލީގު ތަށްޓާއި ޗެމްޕިއަންސް ލީގުގެ ތަށިވެސް ހޯދައިފައެވެ. ޑި ބްރޭނާ ސިޓީއާއެކު ޗެމްޕިއަންސް ލީގު ހޯދީ 2023 ވަނަ އަހަރުއެވެ.
ޑި ބްރޭނާގެ ނިންމުމާއެކު ސިޓީ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާއަކީ ޕްރިމިއާ ލީގު ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށާއި، އޭނާ ނެތުން އެއީ ކްލަބަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ