އިރާނުގެ ތަޖުރިބާކާރު ކޯޗު، އަލީ ޕޯ އަރޯޖީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ 23 އަހަރުން ދަށުގެ ވޮލީ ޓީމެއް އެކުލަވާލަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިއުލާނުކޮށްފިއެވެ.

ވީއޭއެމްއިން އިއުލާނުކޮށްފައި ވާގޮތުން، ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ވޮލީ ޓީމުގެ ޓްރަޔަލްސްތައް އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވާ ހަމައަށެވެ. އެއީ ކޮންމެ ދުވަހަކުވެސް މެންދުރުފަހު 1:45 ވާއިރު ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައެވެ.

ރާއްޖޭގެ ގައުމީ ޓީމުތަކަށް އިރުޝާދު ދިނުމަށް ވީއޭއެމްއިން ގެނެސްފައިވާ އިރާނުގެ ކޯޗު އަލީއަކީ ވޮލީގެ ތަފާތު މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

އެފްއައިވީބީގެ ކޯޗިންގެ މަތީ ފާސްތަކެއް ހާސިލުކޮށްފައިވާ އަލީއަކީ ކުރިން ވޮލީ ކުޅުނުވެސް ކޯޗެކެވެ. ކުޅުން ނިންމާލުމަށްފަހު ކޯޗިން ކެރިއަރު ފަށައި، އޭނާ ވަނީ އިރާނުގެ އެކިއެކި ޓީމުގެ އިތުރުން ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ގައުމީ ޓީމާއެކު އަލީ ވަނީ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝް ގައުމީ ވޮލީ ޓީމާ ހަވާލުވެ ހުރި، އަލީ ވަނީ އެގައުމާއެކު އޭޝިއަން ސެންޓްރަލް ޒޯން މުބާރާތްވެސް 2016 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން 2021 ވަނަ އަހަރު ސެންޓްރަލް ޒޯން ފައިނަލުގައިވެސް އަލީ ވަނީ ބަންގްލަދޭޝަށް އިރުޝާދު ދީފައެވެ.