ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް) ގެ މި ސީޒަނުގައި ކުޅުނު ދެވަނަ މެޗުންވެސް ޕަންޖާބު ކިންގްސް މޮޅުވެއްޖެއެވެ.

ޕަންޖާބުން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ގުޖުރާތު ޓައިޓަންސް ކައިރިން މޮޅުވެފައެވެ. އެ މެޗުން މޮޅުވެފައި އޮވެ، ރޭ ނުކުތީ ލަކްނައު ސުޕަ ޖަޔަންޓްސްއާ ދެކޮޅަށެވެ.

ލަކްނައު ސުޕަ ޖަޔަންޓްސްގެ އެކަނަ ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ގުރު ދިމާވީ ޕަންޖާބް ކިންގްސްއަށެވެ. އެޓީމަށް ގުރު ދިމާވުމާއެކު ނިންމީ އުކުމަށެވެ. މެޗުން ޕަންޖާބު މޮޅުވީ އަށް ވިކެޓުންނެވެ.

ފުރަތަމަ އިނިންސްއަށް ކުޅެން އަރައި ލަކްނައުއަށް، 20 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ.

ސުޕަ ޖަޔަންޓްސްއަށް އެންމެ ރަނގަޅަށް ކުޅުނު ނިކޮލަސް ޕޫރަން، 30 ބޯޅައިން 44 ލަނޑު ހަދާފައިވާ އިރު، އަޔޫޝް ބަޑޯނީ ވަނީ 33 ބޯޅައިން 41 ލަނޑު ހަދައިފައެވެ.

ޕަންޖާބުގެ އަރްޝްދީޕް ސިންހް ތިން ވިކެޓް ނަގާފައިވާ އިރު، ގްލެން މެކްސްވެލްއާއި ލޮކީ ފާގަސަން އަދި މާކޯ ޖެންސަން އަދި ޔުޒްވެންދްރާ ޗަހަލް ވަނީ ކޮންމެ ކުޅުންތެރިޔަކު ވިކެޓެއް ނަގައިފައެވެ.

ބަދަލުގައި ކުޅެން އަރައި ކިންގްސްއިން ވަނީ 16.2 އޯވަރު ތެރޭގައި ދެ ކުުޅުންތެރިން ނުބައިވެގެން، 177 ލަނޑު ހަދައިފައެވެ.

ޕްރަބްސިމްރަން ސިންހާއި ޝްރެޔަސް އިޔާ ތަފާތު ދެއްކި އިރު، ޕްރަބްޝިމްރަން ވަނީ 34 ބޯޅައިން 69 ލަނޑު ހަދައިފައެވެ. ޝްރެޔާސް 30 ބޯޅައިން 52 ލަނޑު ހެދިއެވެ.