ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސި ވިލާތުގެ ލިވަޕޫލް ސިޓީއަށް މިރޭ ފުރާވަޑައިގެންފިއެވެ.
ރާއްޖޭގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ލިވަޕޫލް ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގައެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް ޔޫކޭއަށް ކުރައްވާ ދަތުރުފުޅުގައި އިނގިރޭސި ވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ރާއްޖޭގައިވެސް މަތީ ފަންތީގެ ތަމުރީނުތައް ހިންގޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ކަންކަން ކުރިއަށް ގެންދާ ގޮތް ރައީސް ބައްލަވާލައްވާނެ ކަމަށެވެ.
މީގެ އިތުރުން ލީޑްސް ޔުނިވާސިޓީއާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުން ރެޑް ވޭއާއި ލިވަޕޫލް އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ފަތުރުވެރިކަން އިސްތިހާރު ކުރުމަށާއި ރާއްޖެއާއި ލިވަޕޫލްއާ ދެމެދު އޮތް ޕާޓްނާޝިޕް އިތުރަށް ހަރުދަނާކުރުމަށް ހަރަކާތްތައް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
ރައީސް މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އަދި ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު