މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް 30 އަހަރު ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެ ކުންފުންޏަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރަކާއި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް އަދި ގަސް އިންދުމުގެ ހަރަކާތެއްގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލެއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެ ހޯދުމުގެ ގޮތުން އެމްޑަބްލިޔުއެސްސީ އުފައްދާފައިވަނީ 1995 އެޕްރީލް 01 ގަ އެވެ. ޑެންމާކުގެ މެނޭޖުމެންޓެއްގެ ދަށުން އެ ކުންފުނި އުފެއްދި އިރު، އޭރު 60،000 މީހުންގެ އާބާދީއަކަށް ހިދުމަތް ދޭން ތިބީ އެންމެ 60 މުވައްޒަފުންނެވެ. އަދި އޭރު ފެން އުފެއްދުމުގެ ގާބިލުކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރެވެ.
ނަމަވެސް މިއަދު އެމްޑަބްލިޔުއެސްސީއަކީ 100 ޕަސަންޓް ދިވެހި ސަރުކާރުގެ ކުންފުންޏެކެވެ. އަދި ކުންފުނީގައި މިހާރު 1،013 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެމްޑަބްލިޔުއެސްސީގައި މިއަދު ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ އަދި 44,858 ކޮޑި މީޓަރުގެ ފެން ރައްކާކުރުމުގެ ގާބިލްކަން ލިބިފައިވެ އެވެ.
އެމްޑަބްލިޔުއެސްސީ އުފެއްދީ މާލެއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކަމަށްވިޔަސް މިހާރު އެ ކުންފުނިން ދަނީ ހުޅުމާލެ، ގުޅިފަޅު، ތިލަފުށީގެ އިތުރުން އަތޮޅުތެރެއަށް ވެސް ހިދުމަތް ފޯރުކޮށްދެމުންނެވެ. އެެގޮތުން ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށިއަށް ފެނާއި ނަރުދަމާގެ ހިދުމަތް އެމްޑަބްލިޔުއެސްސީން ފޯރުކޮށްދެއެވެ. އެއީ ގާތްގަޑަކަށް 200،000 މީހުން އާބާދީއެކެވެ. ނުވަތަ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 ޕަސަންޓެވެ.
ދުވާފަރުގެ ފެނާއި ނަރުދަމާގެ ހިދުމަތުގެ އިތުރުން އެ ރަށު ކަރަންޓުގެ ހިދުމަތާއި ކުނި މެނޭޖުކުރުމުގެ ހިދުމަތާއި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދެމުން ދަނީ އެމްޑަބްލިޔުއެސްސީންނެވެ.
އެމްޑަބްލިޔުއެސްސީން ބުނާ ގޮތުން އެ ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމެވެ.
އެ އަމާޒަށް ވާސިލުވުމުގެ ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމުކޮށް، ފެން އުފެއްދުން އެ ކުންފުނިން ވަނީ ލާމަރުކަޒީ ކޮށްފަ އެވެ. އޭގެ އިތުރުން މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާންގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމެގު މަސައްކަތް ކުރަމުން އަންނަ އިރު، މި އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ 26 ޕަސަންޓް އަދި ފެން ރައްކާކުރެވޭ މިންވަރު 28 ޕަސަންޓަށް އިތުރުވާނެ އެވެ.
އަދި ސިނަމާލެ ބްރިޖު މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ ޑިސްއިންފެކްޓް ކުރުމާއި ޕްރެޝާ ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މާލެއާއި ހުޅުމާލޭގެ ޓްރާންސްފާ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފައެވެ.
އެމްޑަބްލިޔުއެސްސީން ބުނާ ގޮތުން އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ހުޅުމާލެއާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލައި ހިދުމަތަށް ގެނައުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ކުރާނެ އެވެ. އެ މަޝްރޫއުގެ މަސައްކަތް ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެ އިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެ އިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލުކަން ކުންފުންޏަށް ލިބިގެންދާނެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ 107 މަޝްރޫއެއްގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ކޮށް ނިންމާލާފައިވާއިރު ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި ފެނުގެ 17 މަޝްރޫއުއެއް އަދި ނަރުދަމާގެ 15 މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު އަނެއްބައި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެ ކުންފުނިން ދަނީ ވަމުންނެވެ.
އެމްޑަބްލިޔުއެސްސީން ދަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަކޮށް ހިދުމަތްތައް ހޯދޭނެ ގޮތްތަކެއް ހަމަޖައްސަމުންނެވެ. އެގޮތުން މިހާތަނަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި 24 ގަޑިއިރު ގުޅޭ ކަސްޓަމާ ކެއާ ސެންޓަރެއް ގާއިމުކުރުމާއި ހިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށައެޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ސްމާޓް މީޓާ ބޭނުންކުރަން ފަށައި އޮންލައިން ޕޯޓަލެއް ތައާރަފުކުރުމުގެ އިތުރުން މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް އާ ހިދުމަތްތަކާއެކު ވަނީ ތައާރަފުކޮށްފަ އެވެ.
އެމްޑަބްލިޔުއެސްސީ އުފެއްދީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައިވީ ނަމަވެސް، 30 އަހަރު ދުވަހުގެ ތަޖުރިބާ އާއެކު މިއަދު އެ ކުންފުންޏަކީ އިންޖީނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.
އެގޮތުން ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި ގާއިމުކުރުމާއި އޮޕަރޭޓް ކުރުމާއި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެމްޑަބްލިއުއެސްސީ ޝޯރޫމުން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި އެ ކުންފުނީގެ އައިއެސްއޯ 17025: 2005 ސްޓޭންޑާޑުގެ ލެބޯރެޓަރީން ދަނީ ރިސޯޓުތަކާއި ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
އުފެއްދުންތެރިކަމުގެ ދާއިރާއަށް ބަލާއިރު އެމްޑަބްލިޔުއެސްސީން ދަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފެކްޓްރީއިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި ގުޅީފަޅުގައި ގާއިމުކޮށްފައިވާ ޕައިޕް ފެކްޓަރީން ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިން އަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފައްދަމުންނެވެ. އަދި ކަރަންޓް ވަޔަރިންއަށް ބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރެ އެވެ.
މުހައްމަދު އިޝާން
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ