މާލޭ ސިޓީ ކައުންސިލަށް ހާޒިރުވުމުން ގެދޮރުވެރިޔާ ސްކީމްގެ ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްްޓްރީން ވަނީ އަންނަ މަހުގެ 15ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ އިދާރާގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެހީތެރިކަން ފޯރުކޮށްދޭ ވަގުތުތައް:

  • މާޗް 31 އިން ފެށިގެން އޭޕްރީލް 5 އަށް: ހެނދުނު 10:00 އިން މެންދުރުފަހު 2:30 އަށް، އަދި ރޭގަނޑު 9:30 އިން ރޭގަނޑު 11:00 އަށް.
  • އޭޕްރީލް 6 އިން އެޕްރީލް 15 އަށް: ހެނދުނު 9:00 އިން ހަވީރު 4:00 އަށް، އަދި ރޭގަނޑު 9:00 އިން 11:00 އަށް.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓް ހައުސިން މިނިސްޓްރީން އާންމުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ގައެވެ.

ރައީސް އޮފީހުގައި އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރި އިރު، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށެވެ. އެއީ، ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވާ އިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާ އެކު ލިސްޓުން އުނިކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ގިނަ ފަރާތްތައް ޝަރުތު ހަމަނުވީ ހުށަހަޅަން ޖެހޭ ޑޮކިއުމެންޓް ނޫން އެހެން ޑޮކިއުމަންޓް ހުށަހަޅައިގެން ކަމަށެވެ. އެގޮތުން ރަށުގައި ދިރިނޫޅޭ ކަމަށް ބަޔާންކޮށް ކައުންސިލްތަކުން ދީފައިވާ ގިނަ އަދަދެއްގެ ލިޔުންތައް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.