މާދަމާއިން ފެށިގެން ކުޑަގިރިއަށް ފެރީ ދަތުރުތައް ތައާރަފުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ކުޑަގިރިއަށް ފެރީ ދަތުރުތައް ތައާރަފުކުރަން އެ ކުންފުނިން ނިންމީ ކުޑަގިރިއަށް އޮންނަ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދަތުރުކުރާ މީހުންނަށް އިތުރު ފުރިހަމަކާއެކު ފެރީގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ކަމަށެވެ.

ކުޑަގިރިއަށް ފެރީ ދަތުރުތައް ފެށުމުގެ ގޮތުން ފިތުރު އީދު ދުވަހު ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފިތުރު އީދު ދުވަހު އެމްޓީސީސީން ކުޑަގިރިއަށް ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • މާލެ - ކުޑަގިރި: 9:00 - 10:30
  • ކުޑަގިރި - މާލެ : 16:00 - 17:30

އެމްޓީސީސީން ބުނީ އެ ދަތުރުތައް ހަމަޖެހިފައިވަނީ ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައި މާލެ އިން (ހެންވޭރު ފެރީ ޓާމިނަލް) އިން ކުޑަގިރިއަށް އަދި ކުޑަގިރިން މާލެއަށް (ހެންވޭރު ފެރީ ޓާމިނަލް) އަށް ކަމަށެވެ.

"މި ދަތުރުތަކުގެ އަގެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮޅަކަށް 70 ރުފިޔާއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖައްސާފައިވަނީ މި ކުންފުނީގެ އެއާކޮންޑިޝަން ފެރީތަކުގައެވެ. ދަތުުރުގެ ދިގު މިނަކީ 35 މިނިޓެވެ..،" އެމްޓީސީސީން ބުންޏެވެ.

ކުޑަގިރިއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް https://stl.mtcc.mv/ މެދުވެރިކޮށް ޓިކެޓް ނެގެން ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެހެން ދުވަސްތަކުގައި ކުޑަގިރިއަށް ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • މާލެ - ކުޑަގިރި: 6:30، 8:00، 9:30
  • ކުޑަގިރި - މާލެ: 16:00، 17:30، 19:00