އިމިގްރޭޝަންގެ އޮފިސަަރުންތަކެއް މިމަހުގެ 12 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވަނީ އެ އިދާރާގެ އުސޫލުތަކާ ހިލާފަށް ކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން އިމިގްރޭޝަންގެ އޮފިސަރުން ފައިސާ އަތުލީ ސައްހަ ލިޔެކިޔުންތައް ހުރި ބިދޭސީއެއްގެ އަތުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ އިމިގްރޭޝަންގެ އޮފިސަރުންތަކެއް އެ އިދާރާގައި އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައެއްގެ ތަހުގީގުކުރަން ފަށައިފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޝަމްއާން ވަހީދު ހިމެނޭހެން އިތުރު އިމިގްރޭޝަންގެ އޮފިސަރުންތަކެއް ހައްޔަރުކޮށްފައެވެ. ކުރިމިނަލް ކޯޓުން ވަނީ އެ ހުރިހާ މީހުންގެ ވެސް ބަންދު ޖަހައިފައެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބުގެ މައުލޫމާތު ހިއްސާކޮށްފައެވެ. ފުލުހުން ބުނީ މިމަހުގެ 12 ވަނަ ދުވަހު ރޭ އިމިގްރޭޝަންގެ މުވައްޒަފުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގާފައިވަނީ އެކަމަށް ބޭނުންވާ ލިޔުންތައް ފުރިހަމަނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޝަމްއާނަށް އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ކުރިން އެނގިވަޑައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި އޮޮޕަރޭޝަންގައި ހައްޔަރުކުރި ހަތް ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވެއެވެ. އަދި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އަތުން ފެނުނު މީހަކު 2025 ވަނަ އަހަރުގެ މާޗު 12 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހަށް ގެންގޮސްފައިވެއެވެ. އެ ބިދޭސީމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކޮށްލީ ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އިރުޝާދުގެ ދަށުން، އެކަން 'އާޖެންޓް' ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންކަން ތަހުގީގަށް އެނގިފައިވެއެވެ" ފުލުހުން ބުންޏެވެ.

ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި ފަރާތަކީ ދިވެހި ރައްޔިތެއް ކަމަށާއި އެއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާ މެމްބަރެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބިދޭސީ މީހާ ހައްޔަރުކުރެވުނު އިރު، އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބިދޭސީ މީހާ ދޫކޮށްލުމުގެ ކަންކަން ހިނގަމުންދިޔަ އިރު، ވަޒީފާގެ މަސްއޫލިއްޔަތު ނެތި ބަލައި ފާސްކުރުން ކުރިއަށްގެންދިޔަ އިމިގްރޭޝަން މުވައްޒަފުން ސްޓާ ކްލައުޑް ސަރަހައްދުގައި ތިބިކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ބިދޭސީ މީހާ ދޫކޮށްލުމުން އެ ބިދޭސީ މީހާ އެންމެ ފުރަތަމަ ދިޔައީ ސްޕޮންސަރާ އެކު ސައިކަލުގައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ޝަހީދު އަލީ ހިނގުމުން، މި މައްސަލައިގައި ފަހުން ފުލުހުން ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފާއެކު އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ވެހިކަލަށް އެރި ކަމަށް ފުލުހުން ބުންޏެވެ. އެ ވެހިކަލް މާލޭގެ އެކި ހިސާބުތަކުގައި ދުއްވާފައިވާ ކަމަށާއި ތަހުގީގުން ގަބޫލުކުރާގޮތުގައި "ވަކި ކަންތައްތަކެއް ނިންމުމަށްފަހު" ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު މ. ސްޓާ ކްލައުޑް ކައިރިން ކާރުން ފޭބުމަށްފަހު، ފުލުހުން ހައްޔަރުކޮށްފައިވާ އިތުރު އިމިގްރޭޝަން މުވައްޒަފަކު ވެލާނާ ބިލްޑިން ކައިރިން ވެހިކަލުން ފައިބާފައިވެއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން، މ. ސްޓާ ކްލައުޑް ކައިރިއަށް ފޭބި އިމިގްރޭޝަން މުވައްޒަފު ސައިކަލެއްގައި ވެލާނާ ބިލްޑިން ކައިރިއަށް އައިސް، އިމިގްރޭޝަންގެ ވެހިކަލުން ފައިސާ އެޅި ކޮތަޅު ނަގައި، ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ގޮސްފައިވާކަން އެނގެއެވެ. ސީސީޓީވީ ފޫޓޭޖުން ފެންނަގޮތުގައި ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، ނުކުންނައިރު ކޮތަޅު މުށުތެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވިފައިވެއެވެ" ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖު އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ދިރިއުޅޭގެ ބަލައި ފާސްކޮށް 257،475 ރުފިޔާ، 10،000 އެމެރިކާ ޑޮލަރުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.