ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީން ހޯދަން ބޭނުންވާ ފަރާތްތަކުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން މިފަހަރު ހުޅުވާލާފައިވަނީ 500 ފުރުސަތެވެ. އެއީ ދެ ގިންތިއަކަށެވެ.

ފުރަތަމަ ގިންތިއަކީ އަލަށް ކިޔަވަން ފަށާ ފަރާތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ލޯނަށް އެދި ހުށަހަޅަން ދީފައިވާ ސުންގަޑިއާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައިނުވާ ނުވަތަ ޓިއުޝަން ފީ ދައްކާފައިނުވާ ފަރާތްތަކެވެ.

މިހާރު ކިޔަވަމުންދާ ފަރާތްތައް ހިމެނެނީ ދެވަނަ ގިންތީގައެވެ. މިހާރު ކިޔަވަމުންދާ ފަރާތެއްގެ ގޮތުގައި ބަލަނީ ލޯނަށް އެދި ހުށަހަޅަން ދީފައިވާ ސުންގަޑީގެ ކުރިން، މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ފަރާތްތަކެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން މި ފުރުސަތަކީ މަތީ ތައުލީމާއި ތަންރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނާއި ފުރިހަމަ ކުރި ޕްރިގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނަށް ހުޅުވާލި ފުރުސަތެކެވެ.

ލޯނު ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ހަތްލައްކަ ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދެކެވެ. އަދި މި ލޯނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 13:30 އެވެ.