ތައިލެންޑަށް އައި ބިންހެލުމާ ގުޅިގެން މިރޭ މެންދަމު 12:00 ގެ ނިޔަލަށް އުރީދޫ މެދުވެރިކޮށް، އެ ގައުމަށް ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިޔަންމާއަށް މިއަދު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާގެ އިތުރުން އެ ގައުމާ އިންވެގެން އޮންނަ ތައިލެންޑާއި ޗައިނާއަށް ވެސް ބިންހެލުމުގެ އަސަރުކޮށް ގެއްލުންތަކެއް ވަނީ ވެފައެވެ. ބިންހެލުމުގެ ސަބަބުން ތައިލެންޑާއި މިޔަންމާގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

އުރީދޫ މޯލްޑިވްސް އިން މިއަދު ބުނީ އެ ނެޓްވޯކު މެދުވެރިކޮށް ތައިލެންޑަށް ގުޅުން މިރޭ މެންދަމު 12:00 ޖެހުމާ ހަމައަށް އެއްވެސް އަގެއް ނުނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިވަގުތުގައި އާއިލާ އާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރަމެވެ..،" އުރީދޫން ބުންޏެވެ.

embed-article:104697

އެ ކާރިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް ބެލިބެލުމުން ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މިއަދު، ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، މި މިނިސްޓްރީން މި ގެންދަނީ އެ ދެ ގައުމުގެ ހާލަތު މޮނިޓާ ކުރަމުންނެވެ. މިގޮތުން، ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މި މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުންނެވެ..،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ކުއްލި ހާލަތު އިއުލާނުކޮށްފައިވުމުން، އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އެކަމާ ގުޅިގެން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް އަމަލުކުރުމަށް، އެ ދެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.



އެ ކާރިސާއާ ގުޅިގެން، ތައިލެންޑުގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަމެއް ބޭނުންވާ ނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ، ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ދަންނަވާ ކަމަށެވެ. އޭގެ އިތުރުން މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއްވާ ނަމަ، އަދި އެ މީހަކަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، އެމްބަސީ ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ދަންނަވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

  • އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+
  • މިނިސްޓްރީ ހޮޓްލައިން ނަންބަރު: 9607983400+