(21 މާޗުގެ އަދަދާ ގުޅޭ)

އަޞްލު ލިޔުއްވީ : ޑޮކްޓަރ މުޙައްމަދު އިޤްތިދާރު ޙުސައިން ފާރޫޤީ

ތަރުޖަމާކުރީ : ޢަބްދު الله ފާރޫޤް ޙަސަން

[ވިލާގަނޑުން ހިޔާ އެޅުއްވުމުގެ] ވާހަކަޔަކީވެސް ވަރަށްބޮޑު ނިޢުމަތެއްގެ ވާހަކައެވެ. މަންނަ އުފެދޭ ގަހެއްކަމުގައިވާ [الحاج] އަކީ ވަރަށްބޯކޮށްހެދޭ ގަހެއްކަމުގައިވިޔަސް ހިޔާހޯދުމުގެ ނަޒަރުން ބަލާއިރު އެގަހަކީ ކުޑަވެސް ބޭނުމެއް ހިފޭގަހެއް ނޫނެވެ. [طرفا] އަކީވެސް ވަރަށްތިރިކޮށްހެދޭ ގަހެކެވެ. އެގަހުގެ ފަތްތައް ވަރަށްހިމައެވެ. ވަރަށް ހަންޏެވެ. އެހެންކަމުން ކިތަންމެ ގިނަޢަދަދަކަށް ހެދިފައި ހުއްޓަސް އެގަހަކުންވެސް ހިޔަލެއް ނުލިބެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ސަހަރާވީ ބިމެއްގައި ދިރިއުޅޭން ޖެހިފައިވާއިރު ހިޔަލަކީ ވަރަށްވެސް ޒަރޫރީ އެއްޗެކެވެ. ނަމަވެސް [الحاج] އާއި [طرفا] އަކީ ހިޔާލިބޭ ދެގަހެއްނޫނެވެ. ނަމަވެސް އޭގެ ހިޔަލަކީ ސަލްވާ (ކުއެއިލް ނުވަތަ ބަޓީރު) އާލާވާން ވަރަށްފައްކާ ވެއްޓެކެވެ.

ބައިބްލްގައިވެސް މަންނައިގެ ވާހަކަތައް ވަރަށް ގިނައިންވަނީ ބަޔާންކުރެވިފައެވެ. އެވާހަކަތަކާ ބެހޭގޮތުން ނަސާރާ ބައިބަލްގައި ބަޔާންކުރެވިފައިވާ ގަސްގަހާގެއްސާ ބެހޭގޮތުން ދިރާސާކުރެއްވުމުގައި ބާރައަހަރު ހޭދަކުރެއްވި ނަބާތިއްޔާތުގެ ޢިލްމުވެރިޔަކު ވަނީ ވާހަކަ ދައްކަވައިފައެވެ. އޭނާއަކީ ހެރާލްޑް ނޯމަން މޯލްޑެންކޭ އެވެ. އެމެރިކާގެ ބޭކަލެކެވެ.

އޭނާ ލިޔުއްވާ ގޮތުގައި މަންނައިގެ ތެރޭގައި ހިމެނެނީ ހަމައެކަނި ފޮނިރަހަދޭ [ކިރުގަނޑު] އެކަންޏެއްނޫނެވެ. ޚާއްޞަ ބާވަތެއްގެ ލައިކަން Lichen އަކާއި އަލްގީ Algae އެއްވެސް މަންނައިގެ ތެރޭގައި ހިމެނެއެވެ. މޯލްޑެންކޭ ވިދާޅުވާގޮތުގައި ބައިބަލުގެ ބުކްއޮފް ބެރޫކުގައި ހަވާލާދެވިފައިވާ މަންނައަކީ ފޮނިއެއްޗެއްކަން ކަށަވަރެވެ. ނަމަވެސް އެކްސޮޑަސާއި ނަންބަރސްގެ ބާބުތަކުގައި ހަވާލާދެވިފައިވާ މަންނައަކީ އުޑުން/މަތިން ވެހޭ އެއްޗެކެވެ. ނަމަވެސް އެއީ ފޮނިއެއްޗެއް ނޫނެވެ. ސައިންސީ އިޞްޠިލާޙުގައި Lichen އެވެ ކިޔާ އެއްޗެކެވެ. އެތަކެތި ފޭބުމުން ހިކިގެން ބިމާ ވަކިވެއެވެ. ބާރުވަޔާއެކު ފަޒާތެރޭގައި އުދުހެމުންގޮސް އެތައްހިސާބެއްގެ ދުރަށް ވެހެއެވެ. (ފައިބައެވެ.) ބަނީއިސްރާއީލުން އެތަކެތި އެއްކޮށްގެން ރޮށިފިހެއެވެ. ނުވަތަ ޕަކޯޅާ ހަދައެވެ. (ޕަކޯޅާ - ދިވެހިބަހެއްނެތް) އެތަކެތި ބަނޑުބޮޑުވާންދެން ކައިއުޅެއެވެ.

މޯލްޑެންކޭ ވަނީ އޭނާގެ ނަޒަރިއްޔާއަށް ވަކާލާތުކުރައްވަން 1854 މ. ގައި އައި ބޮޑުތަދުމަޑުކަމުގެ ވާހަކަ ބަޔާންކުރައްވައިފައެވެ. އެދުވަސްވަރު ގަދަވައިގެ ތޫފާނެއްގެ އެހީގައި Lecanora afinis އުދުހިފައި އައިސް ތަދުމަޑުކަން ފެތުރިފައިވާ ސަރަހައްދަށް ފައިބައެވެ. ބިންމަތީގައި އޭގެ ފަށަލަ ފަށަލަ އުފެދެއެވެ. އެހިސާބު ގަނޑުގެ މީހުން ލައިކަންގެ ޣިޒާއީ (ކަނާދީ) އަހަންމިއްޔަތު ދަނެއެވެ. އެހެންކަމުން އެހިސާބުގަނޑުގެ މީހުން އެތަކެއްޗަކީ [އުޑުން ބާވައިލައްވާ ނިޢުމަތެއް] ކަމުގައްޔާއި ރަޙްމަތެއް ކަމުގައި ބަލައިގެން އެލައިކަނުން ރޮށިފިހެގެން ކައިއުޅުނެވެ. އޭގެ ޒަރީޢާއިން ހައިހޫނުކަމުން ސަލާމަތްވެގަތެވެ.

މޯލްޑެންކޭ ފާހަގަކުރައްވާ މަންނައިގެ އަނެއް ވައްތަރަކީ ކުރިންވެސް ދެންނެވިފަދައިން އަލްގީއެވެ. (Algae) އެއީ ފަތިހަށްފައިބާ ޝަބްނަމާއެކު (މޮޅޮއް ފެނާއެކު) ފައިބައިފައި ބިންމަތީގައި ހުއްޓައިފެންނަ އެއްޗެކެވެ. މީހުން ފަތިހު އެއެއްޗެހި ޖަމާކުރެއެވެ. މީހުންނަށް ނުނެގިހުންނަ އެއްޗެހި އަވިގަދަވުމުން ވިރިގެން ހިނގައިދެއެވެ.

މޯލްޑެންކޭ ޚިޔާލުކުރައްވާގޮތުގައި މަންނައަކީ ހުސްއެކަނި ފޮނިއެއްޗެއްކަމުގައިވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެހެނީ އެތަކެއްލައްކަ އިންސާނުންނަށް ދުވާލަކަށް އެންމެ މަދުވެގެން ދެހާސް ޓަނުގެ މަންނަ ބޭނުންވާނެއެވެ. އެހައިގިނަ ޢަދަދެއް އެއްސަރަހައްދަކުން ލިބުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ހަމައެފަދައިން ސާޅީސްއަހަރުވާންދެން މެދުކެނޑުމެއްނެތި ލައިކަންގެ ސިފައިގައި ގަދަވަޔާއެކު މަންނަ ވެހެމުން ދިޔުމާއި ހުރިހާ މޫސުންތަކެއްގައި އަލްގީ އުފެދެމުން ދިޔުމަކީ ޚިޔާލަށް ގެނެވޭކަމެއް ނޫނެވެ.

މޯލްޑެންކޭ ވިދާޅުވާގޮތުގައި ބަނީއިސްރާއީލުން މަންނައާއެކު ސަލްވާ (ކުއެއިލް - ބަޓީރު) ގެ މަސްވެސް ފިހެގެން ކައިއުޅުނެވެ. އެސަރަހައްދަކީ ސަލްވާ އާލާވުމަށް ޒަމާނުއްސުރެ މަޝްހޫރު ސަރަޙައްދެކެވެ. ރަނެއްމަލެއްފަދަ ވެއްޓެކެވެ. (ރަނައްމަލައް، ޏ.ބަހެއް އެއްޗެއްގެ، ތަނެއްގެ، މީހެއްގެ ރަނގަޅުކަން ބަޔާންކުރަން ބޭނުންކުރާބަހެއް) މޯލްޑެންކޭ ކީރިތި ޤުރްއާނުގައި މަންނަ އާއި ސަލްވާގެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތައް މުޠާލިޢާ ކުރެއްވިނަމަ މަންނަ އާއި ސަލްވާ އާ ބެހޭގޮތުން ނަޒަރިއްޔާއެއް ޤާއިމްކުރައްވާކަށެއް އޭނާއަށް ތުރާލެއް ނުވީހެވެ.

މިތާގައި ފާހަގަކޮށްލާންޖެހޭ ނުކުތާއެކެވެ. މަންނަ އާއި ސަލްވާއަކީ އެދުވަސްވަރު އިސްރާއީލީންގެ އާންމު ކެއުމެއްކަމުގައިވިޔަސް އެއާއެކު އެހެންއެއްޗެހިތަކެއްވެސް ކައިއުޅުމަކީ ކީރިތި ޤުރްއާނުގެ އިރުޝާދުތައް ނަފީކުރާ ކަމެއްނޫނެވެ. (ތަފްސީރު މާޖިދީ) ފޮނިއެއްޗެއް ކަމުގައިވާ މަންނަ (ތަރަންޖަބީން) އާއި ސަލްވާގެ އިތުރުން ލައިކަނާއި އަލްގީވެސް ކައިއުޅުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ. އެހެންކަމުން އިސްރާއީލުން ސައިނާގައި އުޅުނު ދުވަސްވަރު އެބައިމީހުންނަށް އަލަށްފެންނަ ކަނިކުރެއްވި (ކަނިކުރެއްވި ނަމެއް، ޏަވިޔަނި ބަހެއް، މާނައަކީ ކައިއުޅެވޭ / ކައިއުޅެވިދާނެ) ކޮންމެއެއްޗެއް ފެނުމުން އިސްރާއީލީން ހައިރާންކަމާއެކު އެއެއްޗަކަށް މަންނައޭ ކިޔާންފެށުމުގެ އެކަށޭނަކަންވެސް ނެތެއްނޫނެވެ. އެހެނީ ސާމީބަހާއި ޢިބްރާނީބަހާއި އަރަބި ބަހުގައިވެސް [މަން] ގެ މާނަތަކުގެ ތެރޭގައި ކޮންއެއްޗެއް، ކޮބާ މިފަދަ މާނަތައްވެސް ހިމެނެއެވެ.

ތަރަންޖަބީނާއި ގުޒަންޖަބީންގެ އިތުރަށްވެސް ފޮނިރަހަލާ ތަތްކިރުލިބޭ ބައެއްކަހަލަ ގަސްގަހާގެހި ދުނިޔޭގެ އެކިސަރަހައްދު ތަކުގައި ހުރެއެވެ. އެހުރިހައި އެއްޗެއްސަކީވެސް އިނގިރޭސި ބަހުގެ އިޞްޠިލާޙުގައި މަންނަ Manna އެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ދެކުނު ޔޫރަޕްގައި ހެދޭ މަޝްހޫރު ގަހެއްކަމުގައިވާ Fraxinus ornus އިންވެސް މަންނަ ލިބެއެވެ. ވިޔަފާރީގައި ބޭނުންވެސް ކުރެއެވެ. އެގަހުގެ އަސްލު ވަޒަނީ ސިސިލީގެ ފަރުބަދަތަކުގެ ސަރަހައްދެކެވެ. އެހިސާބުގަނޑަށް ކިޔަނީ ޖަބަލު މަންނަ Gibelman އެވެ. ސައިންސްވެރީންކުރެ ބައެއް އިލްމުވެރީން ވިދާޅުވާގޮތުގައި މިއީވެސް ބައިބަލުގައިވާ މަންނައެވެ.

އީރާނުގެ ފަރުބަދަމަތީގައިވެސް Contoneaster nummularia ނަމަކަށްކިޔާ ގަހެއް ހެދެއެވެ. އެގަހުންވެސް ވަރަށްފޮނިރަހަގަދަ ކިރެއް ނުކުމެއެވެ. އެކިރު ފަރުބަދަތަކުގެ މައްޗަށް ފައިބައިފައިވެސް ހުރެއެވެ. އެހެންކަމުން އިރާނުމީހުން އެއަށް [ޝޭރެ ޚިޝްތު] އެވެކިޔައެވެ. އާދެ، ފަރުބަދައިގެ ކިރޭކިޔައެވެ. އީރާނުގައި ހެދޭ އެހެން ގަހަކުންވެސް މަންނަ ލިބެއެވެ. އީރާނުމީހުން އެގަހަށް ކިޔަނީ ކަތީރާއެވެ. ހަމައެފަދައިން އިރާޤުގައި ހެދޭގަހެއް ކަމުގައިވާ Quercus incana އަކީވެސް މަންނަލިބޭ ޒަރީޢާއެކެވެ. މިއީ އިރާޤުގައި ވަރަށްގިނައިން ހެދޭ ބާވަތެއްގެ ގަހެކެވެ.

ކައުސާހިބާ صلى الله عليه وسلم ގެ ބަސްފުޅުންވެސް މަންނައިގެ އިތުރު ވައްތަރުތައް ހުންނަކަން އެނގެއެވެ. އިތުރުސާހިބާ صلى الله عليه وسلم ވަނީ މަޝްރޫމް (ހަންޑިކުޑަ) ގެ ބާވަތަކަށްވެސް މަންނައިގެ ވައްތަރެއްކަމުގައި ޙަދީސްކުރައްވައިފައެވެ. އެވައްތަރުގެ ހަންޑިކުޑައަށް ޢަރަބިބަހުން ކިޔަނީ ކަމްއަތު އެވެ. އުރުދޫ ބަހުން ކަމްބީއެވެ. މިވައްތަރުގެ ހަންޑިކުޑަ ބައެއް ޤައުމުތަކުގައި އެވެލޭޒަމާނުއްސުރެ ކާނާއެއްގެ ގޮތުގައި ބޭނުންކުރެއެވެ. މިއީ ވަރަށް ޕްރޮޓީންގިނަ އެއްޗެކެވެ. އޭގެ ފެނަކީ ލޮލުގެ ބަލިތަކަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.

ކައުސާހިބާ صلى الله عليه وسلم ޙަދީސްކުރައްވައިފައިވެއެވެ.

1- [ކަމްއަތަކީ މަންނައިގެ ވައްތަރެކެވެ. އޭގެ ފެނަކީ ލޮލުގެ ބަލިތަކުގެ ޝިފާއެކެވެ.]

(راوى: جابر، نسائي ، راوى : أبوسعيد الخدري ، ابن ماجه)

2- [އަހަރެން رسول الله صلى الله عليه وسلم ޙަދީސްކުރައްވަނިކޮށް އަޑުއެހީމެވެ. ކަމްއަތަކީވެސް މަންނައިގެ ބާވަތެކެވެ. އޭގެ ފެނަކީ ލޮލުގެ ބަލިތަކުގެ ޝިފާއެކެވެ.]

(راوى : أبوسعيد الخدري ، بخاري ، مسند أحمد)

ސައިންސީގޮތުން ބަލާއިރު ކަމްއަތަކީ (ހަންޑިކުޑައިގެ ބާވަތެއް) ލައިކަނާއި، އަލްގީއާ ގާތްގުޅުމެއް ހުންނައެއްޗެކެވެ. ކާބޯހައިޑްރެޓްގެ ވަސީލަތެކެވެ. ސަލްވާ އަކީ (ކޮއެއިލް ނުވަތަ ބަޓީރަކީ) ޕްރޮޓީނާއި ސަރުބީ ލިބޭ އެއްޗެކެވެ. އެހެންކަމުން މިބާވަތްތައް ކާނާގެ ގޮތުގައި ބޭނުންކޮށްގެން ހަށިހެޔޮކަމާއެކު ދިގުމުއްދަތަކަށް ދިރިއުޅެވިދާނެއެވެ.

(ނިމުނީ)