ދުނިޔޭގައި މިހާރު އެންމެ ގިނައީ ކްރިސްޓިއަނުން ކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އެއީ ދުނިޔޭގެ މުޅިއާބާދީގެ ގާތްގަޑަކަށް 28.8 އިންސައްތައެވެ. ސީދާ އަދަދުން ބަޔާންކުރާނަމަ އެއީ 2.3 ބިލިޔަން މީހުންނެވެ. ކްރިސްޓިއަނުން ފިޔަވައި ދެން އެންމެ ގިނަކަމަށް ބެލެވެނީ މުސްލިމުންނެވެ. އެއީ ދުނިޔޭގެ މުޅި އާބާދީގެ ގާތްގަޑަކަށް 25.6 އިންސައްތަައެވެ. ވަކި އަދަދެއް ބަޔާންކުރާނަމަ އެއީ 2.0 ބިލިޔަނެވެ. ކްރިސްޓިއަނުންނާއި މުސްލިމުންގެ އަދަދުގައި މިވަގުތު ހުރި ފަރަގަކީ 3.2 އިންސައްތައެވެ. އަދަދުން މިނެކިރާނަމަ އެއީ 300 މިލިޔަނެވެ. މުސްލިމުންގެ އާބާދީއަށްވުރެ ކްރިސްޓިއަނުންގެ އާބާދީ 300 މިލިޔަން އިތުރެވެ. މިކަން އޮންނާނީ އަބަދުވެސް މިހެން ބާވައެވެ؟ ނޫނެކެވެ. ދުނިޔޭގައި އެންމެ ހަލުވިކޮށް ފެތުރެމުންދާ ދީނަކީ އިސްލާމްދީނެވެ. ބޮޑުތަނުންނެވެ. އެހެންވީމާ ލަސްތަކެއްނުވެ ދުނިޔޭގެ އެންމެ ގިނަބަޔަކު ތަބާވާ ދީނަކީ އިސްލާމްދީން ކަމަށް ވެދާނެއެވެ. ވާނެއެވެ. ކިހާ ހިސާބަކުން ހެއްޔެވެ. އެންމެ ލަސްވެގެންވެސް 2035 ގައެވެ.
އެހިސާބަށް ވާސިލްވާން ދެންއޮތީ އެންމެ ނުވަ އަހަރެވެ. މިއީ ހަމަ މިހެން ހުރެފައި އަޅުގަޑު ލިޔާ ޚިޔާލީ ވާހަކައެއް ނޫނެވެ. މިއީ ކަމާބެހޭ ތަޖުރިބާކާރުން ވަރަށް ގިނަދުވަސްވަންދެން އެއްކުރި ތަފާސް ހިސާބުތަކާއި އެނޫންވެސް މައުލޫމާތުގެ އަލީގައި އެމެރިކާގެ ޕިއު ރިސާރޗް ސެންޓަރުން ކުރި ތަހުލީލުތަކުން ފާޅުވެފައިވާ ހަގީގަތެކެވެ. ޕިއު ރިސާރޗް ސެންޓަރަކީ އެމެރިކާޔާއި ދުނިޔޭގެ އާބާދީއަށް އަންނަ ބަދަލުތައް ތަހުލީލުކޮށް އެބަދަލުތަކުގެ މާނަ ބުނެދޭ ސެންޓަރެކެވެ. ގާއިމު ކުރެވިފަައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައެވެ. ދުނިޔޭގެ އެންމެ ގިނަބަޔަކު ތަބާވާ ދީނަކީ އިސްލާމްދީން ކަމަށް ވެގެންދާއިރު އިސްލާމީ ދުނިޔޭގެ އެންމެ އާބާދީބޮޑު ގައުމުތަކުގެ ތަރުތީބަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އެހިސާބަށްދާއިރު އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އާބާދީއަކަށް ވާނީ ޕާކިސްތާނެވެ. މިހާރު އެމަގާމުގައި އޮތީ އިންޑޮނީޝިއާއެވެ. މާބޮޑު ތަފާތަކުން ނޫނެވެ. ކުޑަތަފާތަކުންނެވެ.
ލިސްޓުގެ ދެވަނަޔަށް އަރާނެ ކަމަށް ބެލެވެނީ އިންޑިޔާއެވެ. އޭގެ ފަހަތަށް ދެން ނައިޖީރިއާއެވެ. އިސްލާމުން އެންމެ ގިނަ ގައުމުތަކުގެ ލިސްޓުގެ ދެވަނަޔާއި ތިންވަނަ އިންޑިޔާއާއި ނައިޖީރިއާއިން ހޯދާއިރު މިދެންނެވި ދެ ގައުމުގެ އާބާދީ ބެހިގެންގޮސްފައިވާ ގޮތުގެ މައްޗަށް ބަލައިލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އިންޑިޔާއަކީ މިހާރުވެސް 1.48 ބިލިޔަން މީހުންގެ އާބާދީއަކާއެކު ދުނިޔޭގެ އެންމެ ބައިބޯ ގައުމެވެ. އިންޑިޔާގައި ބޮޑުތަނުން އަޣުލަބިއްޔަތު ލިބިފައިވަނީ ހިންދޫންނަށެވެ. އެއީ ގައުމުގެ މުޅިއާބާދީގެ ތެރެއިން ގާތްގަޑަކަށް 80 އިންސައްތައެވެ. މުސްލިމުންގެ ނިސްބަތަކީ ގާތްގަޑަކަށް ފަނަރަ އިންސައްތައެވެ. ދުނިޔޭގައި މުސްލިމުންގެ އެންމެ ބައިގިނަ މައިނޯރިޓީއެއް އޮންނަނީވެސް އިންޑިޔާގަައެވެ. ދެންއޮތީ ނައިޖީރިއާއެވެ. ގާތްގަޑަކަށް 243 މިލިޔަންގެ އާބާދީއަކާއެކު ނައިޖީރިޔާއަކީ އެފްރިކާ ބައްރުގެ އެންމެ ބައިބޯ ގައުމެވެ. މުޅިދުނިޔެއަށް ބަލާއިރު ދުނިޔޭގެ ހަވަނައެވެ.
އަންދާޒާ ކުރެވޭ ގޮތުން ނައިޖީރިއާގެ އާބާދީގެ 58 ޕަސެންޓަކީ މުސްލިމުންނެވެ. ކްރިސްޓިއަނުންގެ ނިސްބަތަކީ 40 އިންސައްތަައެވެ. ދުނިޔޭގައި އާބާދުވެފައިވާ ކޮންޓިނެންޓްތައް ނުވަތަ ބައްރުތަކުގެ ތެރެއިން މުސްލިމުންގެ ނިސްބަތް އެންމެ މަތީ ބައްރަކީ އޭޝިއާއެވެ. އެބައްރުގައި އެއްދީނަކަށް އެންމެ ބޮޑު ދީނަކީ އިސްލާމްދީނެވެ. ދެން އެންމެ ގިނައީ ހިންދޫންނާއި ބުޑިސްޓުންނެވެ. އޭޝިއާއަށްފަހު ދެން މުސްލިމުން އެންމެ ގިނަ ބައްރަކީ އެފްރިކާއެވެ. އެފްރިކާގައި މުސްލިމުންނާއި ކްރިސްޓިއަނުންގެ އަދަދު މިވަގުތު ދާދި ހަމަހަމައެވެ. އެފްރިކާގައި ކްރިސްޓިއަނުންގެ އަދަދު އެންމެ ގިނައީ އިތިއޮޕިޔާގައެވެ. އެއީ އެފްރިކާގެ ދެވަނަޔަށް އެންމެ ބައިބޯ ގަައުމެވެ. އެތަނުގެ އާބާދީގެ 65 އިންސައްތަޔަކީ ކްރިސްޓިއަނުން ކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އޭޝިޔާ އާއި އެފްރިކާއަށް ނިސްބަތްކުރާއިރު ޔޫރަޕުގައި މުސްލިމުންގެ ނިސްބަތް ވަރަށް ކުޑައެވެ. އެކަމަކު ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އަލްބޭނިޔާ، ބޮސްނިޔާ އަދި ކޮސޮވޯގަައި އަޣުލަބިއްޔަތު އޮތީ މުސްލިމުންނަށެވެ.
ޔޫރަޕުގައި މިވަގުތު މުސްލިމުންގެ ބަައިމަދަސް އެބައްރުގައި އެންމެ ހަލުވިކޮށް ފެތުރެމުންދާ ދީނަކީ އިސްލާމްދީނެވެ. އުތުރު އެމެރިކާ ބައްރުންވެސް ފެންނަނީ މި މަންޒަރެވެ. އުތުރު އެމެރިކާގައި އޮންނަނީ ތިން ގައުމެވެ. އެމެރިކާޔާއި ކެނެޑާއާއި މެކްސިކޯއެވެ. އެބައްރުގެ އާބާދީގެ ގާތްގަޑަކަށް 72 އިންސައްތަޔަކީ ކްރިސްޓިއަނުންނެވެ. މުސްލިމުންގެ ނިސްބަތަކީ ދެ ޕަސެންޓެވެ. އެއީ ހަ މިލިޔަނެވެ. އެކަމަކު ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި އުތުރު އެމެރިކާ ބައްރުގައިވެސް އެންމެ ހަލުވިކޮށް ފެތުރެމުންދާ ދީނަކީ އިސްލާމްދީނެވެ. މުޅި ބައްރުގެ ނިސްބަތުން ކްރިސްޓިއަނުންގެ ނިސްބަތް އެންމެމަތީ ބައްރަކީ ދެކުނު އެމެރިކާއެވެ. އެތަނުގައި ކްރިސްޓިއަނުންގެ ނިސްބަތް 85 އިންސައްތަޔަށް އަރައެވެ. މުސްލިމުންގެ ނިސްބަތް ފުލް އެއްޕަސެންޓަށްވެސް ނާރަައެވެ. އެކަމަކު އެބައްރުގެ ގައުމުތަކުގެ ތެރެއިން ސުރިނަމާއި ގަޔާނާގައި ފުދޭވަރެެއްގެ މުސްލިމް މައިނޯރިޓީއެއް އޮވެއެވެ. އެހެންވެ އެ ދެގައުމަކީ އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީގެ ފުރިހަމަ މެންބަރުންނެވެ.
ދުނިޔޭގެ އެންމެ ބައިމަދު ކޮންޓިނެންޓަކީ އޯޝެނިއާ ކަމަށްވާއިރު އެ ކޮންޓިނެންޓުގައި މުސްލިމުންގެ ނިސްބަތަކީ ގާތްގަޑަކަށް ތިން ޕަސެންޓެވެ. އެކަމަކު ފަހަކަށްއައިސް އެ ބައްރުގައިވެސް އެންމެ ހަލުވިކޮށް ފެތުރެމުންދާ ދީނަކީ އިސްލާމްދީނެވެ. ކްރިސްޓިއަނުން ފަހަތަށް ޖައްސައިލުމަށްފަހު މުސްލިމުން ދުނިޔޭގެ އެއްވަނަ މަގާމަށް މިއަރަނީ އިސްލާމީ ގިނަ ގައުމުތަކުގައި ވިހާ ރޭޓް މަތިވުމުންނެވެ. ބޮޑުތަނުންނެވެ. ޕިއު ރިސާރޗް ސެންޓަރުގެ ހޯދުންތަކުން ދައްކާގޮތުން އިސްލާމީ ދުނިޔޭގައި ކޮންމެ އަންހެނަކު އެވަރެޖް ގޮތެެއްގައި ތިންކުދިން ވިހައެވެ. މިދެންނެވި ނިސްބަތް ކްރިސްޓިއަނުންގެ ތެރޭގައި ދަށެވެ. އެހެންވީމާ ކުރިއަށްއޮތް ނުވަ އަހަރުގެ ތެރޭގައި އިސްލާމީ ދުނިޔޭގެ އާބާދީއަށް 300 މިލިޔަން މީހުން އިތުރުވާނެ ކަމަށް ބެލެވެނީއެވެ. އަދަދުގެ ގޮތުން އެއްވަނަ މަގާމު ލިބުނަސް ތަނަވަސްކަމާއި އާރާއި ބާރުގެ ގޮތުން މަތިފަޑިއަށް އެރެންއޮތީ އަދިވެސް ވަރަށް ދިގު ރާސްތާއަކުންނެވެ.
އިމާދު ލަތީފު
ކޮމެންޓް