ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ފްރެންޗައިސް، އިންޑިއަން ސުޕަ ލީގު (އައިޕީއެލް)ގައި ރޭ ކުޅުނު މެޗުގައި އެންމެފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރުކޮށް، ދިއްލީ ކެޕިޓަލްސްއިން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކޮށްފިއެވެ.
އަންދްރަ ޕްރަދޭޝްގެ އޭސީއޭ-ވީޑީސީއޭ ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަކީ މިހާތަނަށް މި ސީޒަނުގެ އައިޕީއެލްގައި ކުޅުނު އެންމެ ފޯރިގަދަ މެޗެވެ. މެޗުގެ އެންމެ ފަހުވަގުތު ނަތީޖާ އަނބުރާލާ ދިއްލީން މޮޅުވީ އެއް ވިކެޓުންނެވެ.
މެޗުގެ ޓޮސް ދިމާވުމުން ދިއްލީ ކެޕިޓަލްސްއިން އުކަން ނިންމާފައިވާ އިރު، ލަކްނައުއިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 209 ލަނޑު ހެދިއެވެ. ނިކޮލަސް ޕޫރަން 30 ބޯޅައިން 75 ލަނޑު ހެދި އިރު، މިޝެލް މާޝްވެސް ވަނީ 36 ބޯޅައިން 72 ލަނޑު ހަދައިފައެވެ.
ދިއްލީގެ އަގުބޮޑު ބޯލަރު މިޝެލް ސްޓާކް ތިން ވިކެޓް ނެގި އިރު، ދިއްލީން ބެޓް ކުރަން އަރައި ފުރަތަމަ ފެނުނީ ފޯމު ދަށްކޮށެވެ. ކުރީކޮޅުގައި ޝަރޫދުލް ތާކޫރު ލަކްނައުއަށް ތަފާތު ދެއްކި އިރު، ދިއްލިއަށް ތަފާތު ދެއްކީ އިމްޕެކްޓް ޕްލޭޔަރަކަށް ބަދަލަކަށް ނުކުތް އަޝުޓޯޝް ޝަރްމާއެވެ.
އަޝުޓޯޝް ވަނީ 31 ބޯޅައިން 66 ލަނޑު ހަދައިފައެވެ. އޭނާ ކުރިމަތިލި ފަހު ބޯޅަ ހަޔަކަށް ޖަހައި މެޗު ކާމިޔާބުކުރީ ބާކީ އެންމެ ތިން ބޯޅަ އޮއްވައެވެ.
ރޭގެ މެޗުގައި ދިއްލީން 209 ލަނޑުގެ އިނިންގްއެއް އަނބުރާލި އިރު، އެއީ މިހާތަނަށް އައިޕީއެލްގައި ދިއްލީން އަނބުރާލި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް