މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ޒަމާންތަކަކަށްފަހު, އެ އަހަރެއްގައި ކިޔޫގައި ޖެހިފައި ތިބި އެންމެންނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

"ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ،" ރައީސް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވެފައިވާ އިރު، މިއަހަރު ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން ލިބިފައިވާ ހުރިހާ އެންމެންނަށް ޖާގަ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހައްޖަށް ދާން ހަމަޖެހިފައިވާ އޮންނަ އަހަރަށް ޖާގަ ނުލިބި ފަސްވަމުންދާ ޝަކުވާތައް ފާއިތުވި އަހަރުތަކުގައި ވަނީ ބޮޑުވެފައެވެ. އެކަމަށް ހައްލު ހޯދުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ސަރުކާރުން ވަނީ ހައްޖުގެ އަޅުކަމަށް ފުރާ 500 ހައްޖުވެރިން ގައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުތައް ކުރާގޮތަށް މިދިޔަ މަހު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. އެއީ ރާއްޖެއިން މިއަހަރަށް ހައްޖަށް ފުރާ ހައްޖުވެރިންގެ ތެރެއިން 50 އިންސައްތަ ހައްޖުވެރިންނެވެ.

ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދޭ ގޮތަށް "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ވެސް މިދިޔަ ހަފުތާގައި ވަނީ ބަދަލުކޮށްފައެވެ.

އުސޫލުގައިވާ ގޮތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް ފުރުސަތު ދޭންވާނީ ފައިސާ ދައްކާފައިވާ ތަރުތީބުން، ވަކި ކަންތައްތަކަކަށް އިސްކަން ދީގެންނެވެ.

އެގޮތުން އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަން ދޭންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރު ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅަން ވާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިޔަކު ގެންދަންޖެހޭ މީހުންނަށް އެހީތެރިޔަކު ހަމަޖެއްސުމުގެ ފުރުސަތު ދޭންވާނެ ކަމަށާއި ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ހަމަޖެއްސުމުގެ ފުރުސަތު ދެވޭނީ، ހައްޖު ކޯޕަރޭޝަންގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭ ނަމަ، އެ މީހަކު އެހީތެރިއެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އަދި އެގޮތުން ފުރުސަތު ދެވޭ އާއިލާގެ މީހަކީ ހައްޖުގެ އަޅުކަން ކުރިން އަދާފައިކޮށްފައިނުވާ މީހަކަށް ވާންވާނެ ކަމަށާއި އެހީތެރިއެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމުގެ ފުރުސަތު ދެވޭނީ ހައްޖު ކޯޕަރޭޝަންގެ ލިސްޓުގައި އާއިލާގެ މީހެއް ނެތިފައި، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ވެސް އުސޫލުގައިވެއެވެ.

އުސޫލުގައި ބުނެފައިވަނީ، އުމުރުން 75 އަހަރުން މަތީގެ މީހުންގެ ތެރެއިން އެމީހެއްގެ ސިއްހީ ހާލަތު ކަށަވަރުކުރާނީ ސިއްހީ ކަންކަމާ ގުޅޭ ދައުލަތުގެ ކަމާ ބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ފަރާތްތައް މެދުވެރިކޮށް ކަމަށެވެ.

ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ފަސް އަހަރުވެފައިވާނަމަ ކަމަށާއި ނަމަވެސް އެމީހުންގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހައްޖުގެ ހިދުމަތްތެރީންގެ ގޮތުގައި ގެންދާ ފަރާތްތައް އިސްތިސްނާވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި އިތުރަށް ބުނެފައިވަނީ، އުސޫލަށް އަމަލުކުރަން ފެށުމާއެކު، އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހައްޖު ކޯޕަރޭޝަންގައި އެކުލަވާލާފައި އޮންނަ "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ހައްޖު ކިޔު ލިސްޓު" 1 މުހައްރަމް 1447 ގެ ކުރިން މުރާޖައާކުރަންވާނެ ކަމަށެވެ.

ފައިސާ ދެއްކި މީހުން ހައްޖަށް ގެންދިއުން އަހަރަކަށްވުރެ އަހަރެއް ލަސްވަމުންދާ މައްސަލައިގައި، މިދިޔަ ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހައްޖު ކޯޕަރޭޝަން ހާޒިރުކޮށް ވެސް މެންބަރުން ވަނީ ސުވާލުތައް އަމާޒުކޮށްފައެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެފައިވަނީ 850 މީހުން ގެންދާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެ އަދަދަށް މީހުން ނުގެންދެވުމުން ލިސްޓުގައި ހިމެނޭ މީހުން ޖެހިގެން އަންނަ އަހަރަށް ފަސްކުރަން ޖެހޭ ކަމަށާއި އަދި ޖެހިގެން އަންނަ އަހަރު ގެންދަން ހަމަޖެހިފައިވާ މީހުންގެ އަދަދެއް އޭގެ އަނެއް އަހަރަށް ވެސް ފަސްކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަ މިދިޔަ އަހަރު ވެސް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބަޔަކު ބޮޑު އަދަދެއް ދެއްކީމާ، ހައްޖު ކޯޕަރޭޝަނުން ފުރުސަތު ދެނީއެއް ނޫން. އަޅުގަނޑުމެން ހައްޖު ކޯޕަރޭޝަނުން ކޮންމެ ފަހަރަކު ވެސް މި އޮންނަ އުސޫލުގެ ތެރެއިން މި ގެންދަނީ. އެހެންވީމާ ސަރުކާރު ކޯޓާ ނުވަތަ މިނިސްޓްރީގެ ކޯޓާގެ ގޮތުގައި ބަޔަކު ގެންދަން މިގޮތަށް އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި މިއަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އަޅުގަނޑުމެންނަށް މިހާރު އިރުޝާދުދެއްވާފައިވަނީ ކިޔު ތަރުތީބުގެ ބޭރުން އެއްވެސް ކޯޓާއެއް ރިޒާވް ނުކުރުމަށް. އަޅުގަނޑުމެންނަށް ރަސްމީކޮށް ސިޓީއަކުން ރައީސް އޮފީހުން ވަނީ އަންގާފައި، އުސޫލު މިހެން އޮތް ކަމަށްވިޔަސް، ކިޔު ތަރުތީބުގެ ބޭރުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭން، ރިޒާވް ނުކުރުމަށް،" އޭނާ ވިދާޅުވެފައިވެއެވެ.

ޝަކީލް ވިދާޅުވެފައިވަނީ 850 މީހުން ހައްޖަށް ގެންދަން އޮންނަ އިރު، ލިބޭ 1000 ކޯޓާގެ ތެރެއިން 80 ވަރަކަށް މީހުން އެހީތެރީންގެ ގޮތުގައި ގެންދަން ޖެހޭ ކަމަށާއި އެއީ އުސޫލުގައިވާ ގޮތުން އުމުރުން 70 އަހަރަށްވުރެ މަތިވެއްޖެ ކަމަށްވަންޏާ އެމީހަކާއެކު އެހީތެރިޔަކު ގެންދަން ލާޒިމުވާތީ ކަމަށެވެ. މިދިޔަ އަހަރު ވެސް އެހީތެރިންގެ ގޮތުގައި 87 ވަރަކަށް މީހުން ގެންދަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ 1000 ކޯޓާގެ ތެރެއަށް މި އަދަދުވެސް މި އަންނަނީ. ދެން އޭގެ އިތުރަށް ފަގީރުންގެ ގޮތުގައި އަޅުގަނޑުމެން މި ގެންދިޔައީ 50 މީހުން. އަދި އުސޫލުގައި އެބައޮވޭ ބޮޑެތި ބަލިތަކަށް ހާއްސަ، އެއީ ޖުމުލަ ކޯޓާގެ ފަސް ޕަސަންޓް، މާނައަކީ 50 ޖާގަ. އެހެންވީމާ 265، 1000 އިން ކަނޑާލީމާ މިވަނީ 735 އަށް،" އޭނާ ވިދާޅުވިއެވެ.

ޝަކީލް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރަށް ވެސް ޖާގަތަކެއް ކަނޑައަޅަން ޖެހޭ ކަމަށާއި ނަމަވެސް އުސޫލުގައި އޮންނަ ގޮތުން ސަރުކާރަށް ބޭނުން އަދަދަކަށް ކޯޓާތަކުން ނެގޭ ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް ސަރުކާރުގެ ކޯޓާގެ ގޮތުގައި 143 މީހުން ހައްޖަށް ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިން އުސޫލު އޮންނަ ގޮތުން ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތަކުގެ ތެރެއިން އެންމެ މަދުވެގެން ހައްޖު ކޯޕަރޭޝަނަށް ދޭން ޖެހޭނީ 50 ޕަސަންޓެވެ. އަދި އިސްލާމިކް މިނިސްޓަރަށް އޮންނަ ބާރުގެ ދަށުން ބާކީ ކޯޓާތައް ހާއްސަކުރަނީ އެހެން ކުންފުނިތަކުން ހައްޖަށް މީހުން ގެންދިއުމަށެވެ.

އުސޫލު އެގޮތަށް އޮތުމުން، މި ސަރުކާރުން ވަނީ ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފައެވެ. ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކެބިނެޓުން އެ ނިންމުން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ގައެވެ.