ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދެ މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް، ހެލްތު މިނިސްޓްރީން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް (ހެލްތު މިނިސްޓްރީ /ދިވެހި ދައުލަތް) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރަށްރަށުގެ ހެލްތު ސެންޓަރުތަކަށާއި ހެލްތު ޕޯސްޓް ތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީފައިވާ ސިއްހީ ހިދުމަތާބެހޭ ސާމާނުތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ހުށަހެޅި މައްސަލައެކެވެ.
ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި މި ދައުވާގައި ސެންޓަ އެންޓްޕްރައިސަސްގެ ފަރާތުން އެދުނީ ދައުލަތުން ދައްކަންޖެހޭ ދެ މިލިއަން ޑޮލަރާއި ދައުލަތުން މި ފައިސާ ދައްކާފައިނުވާތީ، ސާޗާޖަށް ލިބެންޖެހޭ 3.6 މިލިޔަން ޑޮލަރާއެކު ޖުމްލަ 5.1 މިލިޔަން ޑޮލަރު ދައުލަތުން ނަގައިދުނުމަށެވެ.
ނަމަވެސް 28 މާޗް 2023 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ސާޗާޖުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 3.6 މިލިޔަން ޑޮލަރީ ނަގައިދެވޭނެ ފައިސާއެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އެ ތަކެއްޗަށް ދައްކަންޖެހޭ ކަމަށް ސެންޓަ އެންޓްޕްރައިސަސް އިން ބުނެފައިވާ ދެ މިލިއަން ޑޮލަރަކީ ދައުލަތުން ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުންފުންޏަށް ފައިސާ ލިބިދިނުމުގެ ގޮތުން އެ އަހަރުގެ އޭޕްރީލް މަހުގެ 28 ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކަން އެ ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ހެލްތު މިނިސްޓްރީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި 31 މެއި 2023 ގައި ހައިކޯޓުން ހުކުމްކުރީ ސިވިލްކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.
ހައިކޯޓުގެ ހުކުމް ވެސް ހެލްތު މިނިސްޓްރީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް އަދި އެ މައްސަލަ އެ ކޯޓުން ބަލައިގެންފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު