ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަޔާން ދިނުމަށް ފުލުސް އޮފީހަށް ހާޒިރުވުމުންނެވެ.
ފުލުހުން މިރޭ ބުނީ ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.
އެ މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ތިން އޮފިސަރަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކު 10 ދުވަހަށް އަދި އެކަކު ތިން ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ޝަމްއާނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އާދަކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށް ހަދައިފައިވާކަން އެނގިފައިވާ ކަަމަށެވެ.
"އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވެއެވެ. އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވެއެވެ..،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
"މީގެ އިތުރުން، އިސްވެ ދެންނެވުނު ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 2025 މާޗު 21 ވަނަ ދުވަހާ ހަމައަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުން ދިޔަ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ..،"
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރައްވައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު