ފީފާ ކްލަބު ވޯލްޑް ކަޕުން މެކްސިކޯގެ ކްލަބު ލެޔޯން ބޭރުކޮށްލަން ފީފާއިން ނިންމައިފިއެވެ.
ފީފާއިން ލެޔޯނަށް ފިޔަވަޅު އަޅާފައިވަނީ މަލްޓި-ކްލަބު އޯނާޝިޕް އުސޫލުތަކާ އެ ކްލަބު ހިލާފުވެފައިވާތީއެވެ. ލެޔޯންއަކީ ގްރޫޕޯ ޕަޗުއާގެ އޯނާޝިޕް ދަށުގައި ހިންގަމުންދާ ކްލަބެކެވެ. ލެޔޯންގެ އޯނާޝިޕް ގްރޫޕުގެ ޕަޗޫކާވެސް ކްލަބު ވޯލްޑް ކަޕްގައި ބައިވެރިވާ ކަމަށް ފީފާއިން ވަނީ ނިންމައިފައެވެ.
ފީފާގެ އުސޫލު ބުނާގޮތުން މުބާރާތުގައި ބައިވެރިވާ ދެ ކްލަބަކީ އެއް އޯނާޝިޕެއްގެ ދަށުގައި ހިންގޭނެ ކްލަބަކަށް ވެގެން ނުވާނެއެވެ. އަދި ކްލަބު ވޯލްޑް ކަޕުގައި ވާދަކުރާ ދެ ޓީމެއްގެ ހިއްސާވެސް އެއް އޯނާޝިޕް ގްރޫޕްގައި އޮވެގެން ނުވާނެ ކަމަށްވެސް އުސޫލުތައް ބުނެއެވެ.
ލެޔޯން ބޭރުކުރުމަށް ހުށަހެޅީ ކޮސްޓަ ރީކާގެ ކްލަބު ކަމަށްވާ ޑެޕޯޓީވާ އަލަޖުއެލެންސްއެވެ. އެއީ 2023 ވަނަ އަހަރު ސެންޓްރަލް އެމެރިކަން ކަޕް އުފުލާލި ޓީމެވެ. އެއީ ލެޔޯންއިން ކޮންކަކަފް ޗެމްޕިއަންސް ކަޕް އުފުލާލި އަހަރުވެސް މެއެވެ. ޕަޗޫކާއިން 2024 ވަނަ އަހަރު ކޮންކަކަފް ޗެމްޕިއަންސް ކަޕް އުފުލާލައި، ކްލަބު ވޯލްޑް ކަޕަށް ކޮލިފައިވި އިރު، ލެޔޯން ކޮލިފައިނުވާނަމަ ޑެޕޯޓީވާ އަލަޖުއެލެންސްއަށް ފުރުސަތު ލިބުން ގާތެވެ.
އެ މައްސަލައިގައި ފީފާއިން ނިންމާފައިވަނީ ލެޔޯންގެ ބަދަލުގައި ފުރުސަތު ދޭނެ ޓީމެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.
ލެޔޯން ހިމެނިފައިވަނީ ކްލަބު ވޯލްޑް ކަޕްގެ ގްރޫޕް ޑީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ޗެލްސީއާއި އެޓްލާންޓާ އާއި ބްރެޒިލްގެ ފްލަމެންގޯ އަދި ޓިއުނީޝިއާގެ އެސްޕެރޭންސެވެ.
ކްލަބު ވޯލްޑް ކަޕް އެމެރިކާގައި އޮންނާނީ މިއަހަރު ޖޫން މަހުގެ 14 އިން ޖުލައި 13 އަށެވެ. އެއީ 32 ޓީމާއެކުގައެވެ.
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު