(14 މާޗުގެ ބަޔާ ގުޅޭ)

އަޞްލު ލިޔުއްވީ : ޑޮކްޓަރ މުޙައްމަދު އިޤްތިދާރު ޙުސައިން ފާރޫޤީ

ތަރުޖަމާކުރީ : ޢަބްދު الله ފާރޫޤް ޙަސަން

*****************

ތަފްސީރެ ޙައްޤާނި އާއި ތަފްހީމުލް ޤުރްއާނާއި ތަފްސީރެ އުޘްމާނީ އާއި ބަޔާނުލް ޤުރްއާނުގައިވެސްވަނީ މަންނައަކީ ގަނޑުވެފައިހުންނަ ފޮނިއެއްޗެއް ކަމުގައެވެ. ނަމަވެސް [އެކިރުގަނޑު] ލިބޭ ގަހުގެ ތަފްސީލު ދީފައެއް ނުހުރެއެވެ. عبدالله يوسف على އޭނާގެ އިނގިރޭސި ތަފްސީރުގައި ލިޔުއްވާގޮތުގައި މަންނައަކީ [ޓެމެރިކްސް] އޭކިޔާ ގަހަކުން ލިބޭއެއްޗެކެވެ.

ތަފާތު އެކިއެކި ތަފްސީރުތަކުން ޔަޤީންކަމާއެކު ބަޔާންވެ އެނގޭ ގޮތުގައި މަންނައަކީ ގަހަކުން ލިބޭ އެއްޗެކެވެ. އެކަމަކު އެއީ ކޮންގަހަކުން ލިބޭއެއްޗެއްކަމާއި އޭގެ ކީމިޔާވީ ބާވަތަކީ ކޮބައިކަމާ މިބާވަތުގެ ތަފްސީލުތަކެއް ޢާންމުކޮށް ލިބޭކަށެއް ނުހުރެއެވެ.

މަންނައަކީ [الحاج] އެވެކިޔޭ ގަހަކުންލިބޭ (ކިރެއް / ކިރުގަނޑެއް) ކަމަށް އެންމެފުރަތަމަ ޚިޔާލުފާޅުކުރެއްވި ބޭކަލެއްކަމުގައި ބެލެވެނީ أبوالرّيحان محمد البيرونى (1050- 973 މ.) އެވެ. އެކިރުގަނޑުގެ ނަމަކީ ތަރަންޖަބީން ކަމަށާއި އެއީ މަންނައިގެ ބަދަލުނަމެއް ކަމަށާއި ތަރަންޖަބީނަކީ ފާރިސީބަހެއްކަމުގައިވާ ތަރަންގަބީންގެ ނުބައިކޮށް ބޭނުންކުރެވޭ ތަލައްފުޒެއް ކަމުގައި البيرونى ލިޔުއްވިއެވެ. އަންގަބީނަކީ ފާރިސީބަހުން މާމުޔަށްކިޔާ ނަމެކެވެ. އެހެންކަމުން ތަރަންގަބީނަކީ އިނގިރޭސިބަހުގައި ބޭނުންކުރާ Honey Dew ކަހަލަ އެއްޗެކެވެ. [حاج] ގަހުން ނުކުންނަ ކިރުގަނޑަކީވެސް މާމުއިފަދަ ފޮނި އަދި ފައިދާހުރި އެއްޗެކެވެ. البيرونى ގެ ހޯއްދެވުމަށްފަހު އެތައް ސައްތައެއް ފާއިތުވާންދެންވެސް ސައިންސީގޮތުން މަންނައާމެދު ތަޙްޤީޤީ ނަޒަރުން ބެލިފައެއް ނެތެވެ. އެހެންކަމުން ސައިނާ އާއި ޢަރަބިބައްރުގެ އެހެނިހެން ސަރަހައްދުތަކުގެ ގަސްގަހާގެއްސާ ބެހޭގޮތުން ސައްޙަ މައުލޫމާތެއް ހޯދިފައެއްނެތެވެ.

1822 މ. ގައި ސްވިޓްޒަރލޭންޑްގެ ސައްޔާޙެއް އަދި ޖޯގްރަފީގެ މާހިރެއް އަދި މުސްތަޝްރިޤެއްކަމުގައިވާ ޔޮހާން ވުޑްރިގް ބުރުކްހާޓް މިސުރުގައި އޭނާ މަޝްހޫރުވީ ޝައިޚް ބަރަކާތުގެ ނަމުންނެވެ. އޭނާ ލިޔުއްވިފޮތެއް ކަމުގައިވާ Travelling Syria and Holy Land ގައި ލިޔުއްވައިފައިވެއެވެ. [މަންނަ އުފެދުމުގެ ޒިންމާދާރަކީ ޚާއްޞަބާވަތެއްގެ ފަންޏެކެވެ. އެފަނި ބައެއް ސަރަޙައްދުތަކުން ފެންނަ ގަހެއްގެ ތޮށިގަނޑުބޮއި ލޯވަޅެއް ތޮރުފައެވެ. ދުވާލުގެ ގަދައަވީގެ ހޫނުގެ ސަބަބުން އެލޯވަޅުން ދިޔައެއް ނުކުމެއެވެ. އެދިޔަ ރޭގަނޑުގެ ފިނިވުމުން ކިރުގަނޑެއްހެން ގަނޑުވެއެވެ. ބުރުކްހާޓުގެ ޚިޔާލަށް އިތުރު ބަދަހިކަމެއް ލިބުނީ އަހްރަންބަރގު އާއި ހީމްޕްރޭޝާ ދެސައިންސްވެރީން 1829 ގައި ޝާއިޢުކުރެއްވި ރިޕޯޓަކުންނެވެ. އެ ދެސައިންސްވެރީން ލިޔުއްވައިފައިވާގޮތުގައި ސައިނާގައި ހެދޭ ޓަމާރމިކިސްއެވެ ކިޔުނު ގަހަކުންވަނީ Cocus maniparus އެވެ ކިޔޭފަންޏެއް ފެނިފައެވެ. މަންނަ އުފެދުމުގެ ޒިންމާދާރަކީ އެފަންޏެވެ. ނަވާރަވަނަ ސައްތައިގެ ދެބައިން ފަހުބައިގައިވަނީ ސައިނާ ސަހަރާގައި ހެދޭގަހަކުން މަންނަ އުފެދޭކަމާއި އެއީ ވަރަށް ފޮނިއެއްޗެއްކަން ބަޔާންވެފައެވެ. އޭގެ ދުވަސްކޮޅެއްގެ ފަހުން އެނގުނުގޮތުގައި އެސަހަރާގައި ދިރިއުޅޭމީހުން އެގަހުން ނުކުންނަ ކިރުގަނޑު (މަންނަ) ފޮނިއެއްޗެއްގެ ގޮތުން ކައިއުޅެއެވެ.

މިކަމާ ގުޅޭގޮތުން މިހައިތަނަށް ކުރެވިފައިވާ ތަޙްޤީޤުތަކުން ކޮންމެވެސް މިންވަރެއްގެ ޔަޤީންކަމެއް ލިބިފައިވާ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ މަންނަ ލިބެނީ ދެވައްތަރެއްގެ ދެގަހަކުންނެވެ. އޭގެތެރެއިން އެއްވައްތަރަކީ އަރަބީން [الحاج] ނުވަތަ [عاقول] އެވެ ކިޔާގަހެވެ. އެގަހުގެ ނަބާތީ (ބޮޓަނިކަލް) ނަމަކަށް ކިޔައިފައިވަނީ Alhagi maurorum އެވެ. މިއީ ކަށިހުންނަ ގަހެކެވެ. މިގަސްވަނީ އަރަބިކަރައިގެ ސަރަހައްދުގައި ޖަމަލަށް ކާންދޭން ވަރަށް ރަނގަޅު އެއްޗެއްގެ ގޮތުގައި މަޝްހޫރުވެފައެވެ. އެހެންކަމުން މިބާވަތުގެ ގަހަށްކިޔާ އެއްނަމަކީ [شوك الجمل] އެވެ. ފާރިސީބަހުން މިގަހަށްކިޔަނީ [خارش] އެވެ. މިގަސްތައް ހެދެނީ ތިރިކޮށް ހެދޭ ގަސްބޮނޑިތަކެއްގެ ސިފައިގައެވެ. އާންމުގޮތެއްގައި މިގަސްތަކަކީ ތިންފޫޓަށްވުރެ އުސްކޮށްހެދޭ ގަހެއްނޫނެވެ. އެގަސްތަކުގެ މޫތައް ދުވަނީ ދިހަވަރަކަށް ފަނަރަވަރަކަށް ފޫޓަށެވެ. މިބާވަތުގެ ގަސްތައް އަރަބިކަރައިގެ އިތުރަށް އީރާނާއި އަފްޣާނިސްތާނާއި ތުރުކީގައިވެސް ވަރަށްގިނައިން ހެދެއެވެ. މިޒަމާނުގައި މަންނަ އުފެދޭ ނިސްބަތަށް ބަލާއިރު އީރާނުގެ ޚުރާސާނުގެ ސަރަހައްދުގެ އަހަންމިއްޔަތު ވަރަށް ބޮޑެވެ. މިސަރަހައްދުގައި ހެދޭ މަންނަ (އީރާނުގައި ކިޔަނީ ތަރަންޖަބީނެވެ.) ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރެއެވެ.

ހިންދުސްތާނުގައިވެސް [الحاج] ގެބާވަތެއް ވަރަށްގިނައިން ހެދެއެވެ. އެއަށްކިޔަނީ ޖަވާސާއެވެ. ނަމަވެސް އެގަސްތަކުން މަންނައެއް ނުއުފެދެއެވެ. އޭގެ ސަބަބަކީ މަންނައިގެ އަސްލުކަމުގައިވާ ފޮނިއޮލަދިޔަ އުފައްދާ ފަނި ހިންދުސްތާނުން ނުފެންނަކަމެވެ. ހިންދުސްތާނުގައި طرفا އާ ވައްތަރު އެހެންގަހެއްވެސް ހުރެއެވެ. އެއަށް ކިޔަނީ [ޖާއޯ] ނުވަތަ Tamarix gallica އެވެ. ނަމަވެސް އެގަހުންވެސް މަންނަ އުފެދިފައި ހުއްޓައި ފެނިފައެއް ނުވެއެވެ.

موسى عليه السلام ގެދުވަސްވަރު الحاج ގެއިތުރުން މަންނައުފެދޭ އަނެއްގަހަކަށް ސައިނާގައި ގިނައަދަދަކަށް ހެދުނު ގަހަކީ [طرفا] އެވެ. ނަބާތީ (ބޮޓަނިކަލް) ސައިންސުގައި އެގަހަށްކިޔަނީ Tamarix mannifera އެވެ. އެގަހަށް އަރަބި ބަހުން [غاز] އެވެ ވެސްކިޔައެވެ. ފާރިސީބަހުން އެގަހަށް ކިޔަނީ [ގާޒު] އެވެ. އެގަހުން ލިބޭ ފޮނިކިރުގަނޑަށް އެގަހުގެ ނިސްބަތުން ކިޔަނީ ގުޒަންގަބީނާއި ގުޒަންޖަބީނެވެ. ނުވަތަ ޣަޒަންޖަބީނެވެ.

[الحاج] އާއި [طرفا] އިން އުފެދޭ މަންނައިގެ ވިއަފާރި މިހާރުވެސް ކޮންމެވެސްވަރަކަށް ކުރެއެވެ. އެކަމަކު އުއްދަނޑިހަކުރު އާންމުވުމުން މިދެންނެވި ދެބާވަތުގެ ގަހުން އުފެދޭ މަންނަ މެޓާ ހިލާށާއި ފޮނިކާއެއްޗެހި ހަދާކަށެއް ބޭނުމެއް ނުކުރެއެވެ. ނަމަވެސް އެވައްތަރުގެ މަންނައިގެ ބޭސްވެރިކަމުގެ އަހަންމިއްޔަތާހުރެ މިހާރުވެސް ޔޫނާނީ ބޭސްވެރިކަމުގައި ބޭނުންކުރެމެއެވެ. އެއީ އިންތިހާއަށް އުފާވެރިކަން ލިބިދޭ އަދި ހިތަށާއި މައިދާއަށް ހަކަތަ ލިބިދޭ އެއްޗެކެވެ.

ކީރިތި ޤުރްއާނުގައި މަންނަ އާއި ސަލްވާ (ކުއެއިލް ނުވަތަ ބަޓީރު) ގެވާހަކަ ބަޔާންކުރައްވައިފައިވަނީ ތިންތަނެއްގައެވެ. އޭގެތެރެއިން ދެތަނެއްގައިވަނީ ބަނީއިސްރާއީލުންގެ މައްޗަށް ވިލާގަނޑަކުން ހިޔާއެޅުއްވިވާހަކަވެސް ބަޔާންކުރައްވައިފައެވެ. އަދި ސަލްވާ (ކުއެއިލް ނުވަތަ ބަޓީރު) އާއި މަންނަ (ފޮނިއެއްޗެއް) ދެއްވުމުގެ ޒަރީޢާއިން ދީލަތިވަންތަވެ ވޮޑިގެންނެވި ވާހަކަވަނީ ބަޔާންކުރައްވައިފައެވެ. އެދެބާވަތަކީ ކޮންމެ ހައިސިއްޔަތަކުން ބެލިކަމުގައިވިޔަސް ފުރިހަމަ ޣިޒާއިއްޔަތެއް (ކަނާދު) ލިބޭ ދެބާވަތެވެ. މަންނަ އާއެކު ސަލްވާ ނުދެއްވިނަމަ ހުސްއެކަނި މަންނަ (ފޮނިއެއްޗެއް) ކައިގެން އެތަކެއްލައްކަ މީހުންނަށް ގިނައަހަރުތަކަކު ދުޅަހެޔޮކަމާއެކު ދިރިޔެއް ނުއުޅެވުނީހެވެ.

[ވިލާގަނޑުން ހިޔާ އެޅުއްވުމުގެ] ވާހަކަޔަކީވެސް ވަރަށްބޮޑު ނިޢުމަތެއްގެ ވާހަކައެވެ. މަންނަ އުފެދޭ ގަހެއްކަމުގައިވާ [الحاج] އަކީ ވަރަށްބޯކޮށްހެދޭ ގަހެއްކަމުގައިވިޔަސް ހިޔާހޯދުމުގެ ނަޒަރުން ބަލާއިރު އެގަހަކީ ކުޑަވެސް ބޭނުމެއް ހިފޭގަހެއް ނޫނެވެ. [طرفا] އަކީވެސް ވަރަށްތިރިކޮށްހެދޭ ގަހެކެވެ. އެގަހުގެ ފަތްތައް ވަރަށްހިމައެވެ. ވަރަށް ހަންޏެވެ. އެހެންކަމުން ކިތަންމެ ގިނަޢަދަދަކަށް ހެދިފައި ހުއްޓަސް އެގަހަކުންވެސް ހިޔަލެއް ނުލިބެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ސަހަރާވީ ބިމެއްގައި ދިރިއުޅޭން ޖެހިފައިވާއިރު ހިޔަލަކީ ވަރަށްވެސް ޒަރޫރީ އެއްޗެކެވެ. ނަމަވެސް [الحاج] އާއި [طرفا] އަކީ ހިޔާލިބޭ ދެގަހެއްނޫނެވެ. ނަމަވެސް އޭގެ ހިޔަލަކީ ސަލްވާ (ކުއެއިލް ނުވަތަ ބަޓީރު) އާލާވާން ވަރަށްފައްކާ ވެއްޓެކެވެ.

(ނުނިމޭ)