ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަަށް ފަސީހު އައްޔަންކުރައްވާފައި ކަމަށެވެ.

ފަސީހު ވަނީ 23 އަހަރު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވައިފައެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފަސީހު އައްޔަންކުރައްވާފައިވަނީ ކުރީގެ ރައީސް، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ފަސީހު އެ މަގާމުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރުގެ ތެރޭގައެވެ.

އެފަހުން 2022 ޑިސެމްބަރު 12 ގައި އޭނާ ވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑަށް އައްޔަންކުރައްވައިފައެވެ.

ރައީސް މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ފަސީހު އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ޝަމްއާން ވަހީދު އެ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.

ސަރުކާރުގެ އޮފިޝަލަކު "ވަން"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، މައްސަލައަކާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ރޭ ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައިނުވާ އިރު، އެމީހުންގެ ތެރޭގައި ޝަމްއާން ހިމެނޭކަން މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުންދާނެ ކަމަށެވެ.

މީގެ ކުރިން ވެސް އިމިގްރޭޝަން ބައެއް އޮފިސަރުން ބިދޭސީން އަތުން ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ. އެކަމުގައި އިމިގްރޭޝަންގެ ބައެއް އިސް އޮފިސަރުންގެ ބައިވެރިވުމެއްވާ ކަމަށް ތުހުމަތުކުރެވިފައިވާ އިރު، މީގެ ކުރިން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ވެސް ފަށައިފައެވެ.