ބިދޭސީންގެ އަތުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ނާޖާއީޒު މަންފާ ހޯދަމުންދާ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައި ނުވާ އިރު، އެ ތިން މީހުންނަކީ އިމިގްރޭޝަންގެ އޮފިސަރުންތަކެއްކަން ވެސް ފުލުހުން ޔަގީންކޮށްދީފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުންދާނެ ކަމަށެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައިގައިކަން ކަށަވަރުވެފައެއް ނުވެއެވެ. އަދި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އޭނާ ހިމެނޭކަން ވެސް ކަށަވަރުވެފައެއް ނުވެއެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނަށް ކުރަމުންދާ ތުހުމަތުތަކާއި އަދި ޝަމްއާން މަގާމުން ވަކިކުރި މައްސަލައިގައި ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އިމިގްރޭޝަން ބައެއް އޮފިސަރުން ބިދޭސީން އަތުން ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ. އެކަމުގައި އިމިގްރޭޝަންގެ ބައެއް އިސް އޮފިސަރުންގެ ބައިވެރިވުމެއްވާ ކަމަށް ތުހުމަތުކުރެވިފައިވާ އިރު، މީގެ ކުރިން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ވެސް ފަށައިފައެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް