ކުނިން ހަކަތަ އުފައްދާ ނިޒާމު އަންނަ އަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ގްރޭޓާ މާލޭ އެންވަޔަރަމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ތިލަފުއްޓަށް އިއްޔެ ކުރެއްވި ޒިޔާރަތުގެ ތެރެއިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ތިލަފުށީގައި ކުރިއަށްދާ މަޝްރޫއުތަކުގެ ދުވެލި ހުރީ ވަރަށް ލަސްކޮށް ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތުގެ ދުވެލި ބާރުވެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
"ތިލަފުށީގައި ގާއިމުކުރާ ކުނިން ހަކަތަ އުފައްދާ ނިޒާމުން ދުވާލަކު 500 ޓަނުގެ ކުނި އެންދޭނެ. އަދި އަންދާ ކުނިން 13 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ. އޭގެ ތެރެއިން ދިހަ މެގަވޮޓް މާލެ ސަރަހައްދުގެ ގްރިޑަށް އިތުރުކުރެވި، ބާކީ ތިން މެގަވޮޓް ބޭނުންކުރާނީ ތިލަފުށީގައި. އަންނަ އަހަރުގެ ފަހުކޮޅު، މި މަޝްރޫއުތައް ނިމޭނެ،" ތޯރިގު ވިދާޅުވިއެވެ.
ފޭސް ދޭއްގެ ކުނިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއަށް 145 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށާއި އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި އިތުރަށް މަސައްކަތް އަވަސްކުރަން ރައީސް އިރުޝާދު ދެއްވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ތިލަފުށީގައި ކުރިއަށްގެންދެއެވެ. އެއީ 2.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ގާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ ސަބަބުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ، ވައި ނުސާފުވުން ކުޑަކޮށްދީ، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މިނިސްޓަރު ވިދާޅުވީ ކޮންސްޓްރަކްޝަން ޕްލޭން ޑިމޮލިޝަން ޕްލާންޓްގެ މަސައްކަތްތައްވެސް ކުރިއަށްގެންދާ ކަމަށާއި އެ މަސައްކަތް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހު ނިމޭނެ ކަމަށެވެ.
"އޭރުން މާލެއިން ގެންނަ ކޮންސްޓްރަކްޝަން ވޭސްޓްވެސް ފުނޑުވައިގެން އޭގެން އަންނަ ބައިބައިވެސް އެޅިގެން ހިމެނިގެންދާނެ. މި މަޝްރޫއުތައް ނިމިގެންދާއިރު ސާފު މާހައުލެއް މާލެއަށާއި މި ސަރަހައްދުގައި ގާއިމުވާނެ،" މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު