ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ހިލާފުވެފައިވާ ސުލޫކީ އަމަލަކީ ކޮބައިކަން ސާފުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަމަކީ ކޮބައިކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސާފުކޮށްދެވިފައިނުވާ ކަމަށް ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ. ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރު އަޒްމިރަލްދާ، ފިރިކަލުން ޑރ. ލަތީފުގެ ފިރިކަލުންގެ ބަންދު އަމުރަށް ނުފޫޒު ފޯރުވި މައްސަލައިގެ ތުހުމަތަށް ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކޮށް ބަޔާން ނަގައިފައެވެ.

ޖޭއެސްސީން މިއަދު ވަނީ ފަނޑިޔާރު އަޒްމިރަލްދާއަށް ތުހުމަތުވާ ދެވަނަ މައްސަލަ ކަމަށްވާ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައިގައި ސުވާލުކުރުމަށް ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކޮށްފައެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް "ވަން" އަށް މިއަދު ވިދާޅުވީ ޖޭއެސްސީން ކުރާ ތަހުގީގަށް ހާޒިރުވެ ފަނޑިޔާރު އަޒްމިރަލްދާ ޖާވާބުދާރީވެވަޑައިގެންފައިވާ ކަމަށެވެ. ޝަމީލް ވިދާޅުވީ ތަހުގީގު ފެށުމުން މައްސަލައާ ގުޅިގެން އިޖުރާއީ ބައެއް ކަންކަން ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރަން ބޭނުންވި ކަމަށެވެ. ނަމަވެސް އިޖުރާއީގޮތުން ކަންކަން ފާހަގަކުރުމުގެ ފުރުސަތު ނުދެވޭނެކަން ޖޭއެސްސީގެ މައްސަލަ ތަހުގީގުކުރާ ކޮމިޓީން ފަނޑިޔާރު އަޒްމިރަލްދާއަށް އެންގި ކަމަށް ވަކީލް ވިދާޅުވިއެވެ.

"ކޮމިޓީގެ އެ ނިންމެވުމާ ގުޅިގެން އެ ނިންމެވުމަކީ ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށާއި، ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަކީ ޣައިރު ދުސްތޫރީ ތަހުގީގެއްކަމަށް ފަނޑިޔާރު ވިދާޅުވި" ޝަމީލް ވިދާޅުވިއެވެ.

"ފަނޑިޔާރަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުއްވި ނޯޓިސްގައި އޮތް މައްސަލަ ސާފުނުވާ ކަމަށާއި، ފަނޑިޔާރު ސުލޫކާ ހިލާފަށް ކުރިކަމަށް ބުނާ އަމަލަކީ ކޮބައިކަން ސާފުކޮށްދިނުމަށް ތަކުރާރުކޮށް ފަނޑިޔާރު އެދިވަޑައިގަތުމުން ކޮމިޓީއަށް ތުހުމަތު ސާފުކޮށް ނުދެވުނު"

ޝަމީލް ވިދާޅުވީ ޖޭއެސްސީން މި މައްސަަލަ ބެލުމަށް ނިންމި އިޖުރާއަތްތަކުގެ ސައްހަކަމާ މެދު ފަނޑިޔާރު އަޒްމިރަލްދާ ވަނީ ސުވާލު އުފައްދަވައިފައި ކަމަށެވެ. އަދި މިއަދު ކޮމިޓީން ތަހުގީގަށް ސުވާލުކުރި މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމި ތާރީހެއް އޮޅުންފިލުވައި ދިނުމަށް ފަނޑިޔާރު އަޒްމިރަލްދާ އެދިވަޑައިގަތުމުން އެ މައުލޫމާތު ވެސް ޖޭއެސްސީން ދީފައިނުވާ ކަމަށް ޝަމީލް ވިދާޅުވިއެވެ.

ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއް ކުރައްވާފައިނުވާނެކަން ފާހަގަކުރައްވައި ފަނޑިޔާރު އަޒްމިރަލްދާ ވަނީ ތުހުމަތަށް އިންކާރުކުރައްވައިފައި ކަމަށް ޝަމީލް ވިދާޅުވިއެވެ. އަދި އެ މައްސަލައަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީއަށް ބެލޭނެ މައްސަލައެއްވެސް ނޫން ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި ކަމަށް ޝަމީލް ވިދާޅުވިއެވެ.

ޖޭއެސްސީން މިއަދު ވަނީ މި މައްސަލައިގެ ތުހުމަތަށް ފަނޑިޔާރު މަހާޒު ވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ފަނޑިޔާރު މަހާޒްގެ ވަކީލް މުހައްމަދު ފައިސަލް "ވަން" އަށް މިއަދު ވިދާޅުވީ ޖޭއެސްސީން ކުރާ ތުހުމަތުތަކަށް ފަނޑިޔާރު މަހާޒް އިންކާރުކުރައްވާފައިވާ ކަމަށެވެ.