ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު ކުރާ މާލީ މުއާމަލާތްތަކުގައި ފައިސާ ދެއްކުމުގައި އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ) މެކޭނިޒަމްގެ އިތުރަށް އިންޑިއާގެ ރުޕީސް އާއި ދިވެހި ރުފިޔާ ވެސް ބޭނުންކުރެވޭނެ ގޮތް ހަދަން ސޮއިކުރި އެއްބަސްވުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ހުއްދަ ދީ އަމަލުކުރަން ފަށައިފި އެވެ.

ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު ކުރާ މާލީ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އާރުބީއައި އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މިއަދުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

އެމްއެމްއޭ އިން ކުރިން ބުނެފައިވާ ގޮތުން، އެ އެއްބަސްވުމުގެ ދަށުން ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަ ކުރެވޭ ކެޕިޓަލް އެކައުންޓް މުއާމަލާތްތަކާއި އެހެނިހެންވެސް އިގުތިސާދީ މާލީ މުއާމަލާތްތައް ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީސް އިން ކުރުމަށް ބާރުއަޅާނެ ކަމަށެވެ.

އެގޮތަށް ހަމަޖެހިގެން ދިއުމުން ދެ ގައުމުގެ ވިޔަފާރީތަކުން މުދަލާއި ހިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާ އިން ބިލްކޮށް އަދި އެ ބިލުތަކުގެ ސެޓްލްމަންޓް ހެދިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އޭސީޔޫއަކީ އެ ނިޒާމުގައި ބައިވެރިވާ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި ހިންގާ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީ، ވިޔަފާރިއަށް ފަހިކޮށްދޭ ނިޒާމެކެވެ.

އެ ނިޒާމުގެ ބައިވެރިންގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބެލަރޫސް، ބޫޓާން، އީރާން، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާގެ މަރުކަޒީ ބޭންކުތަކާއި މާލީ އިދާރާތައް ހިމެނެ އެވެ.