ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ޝަހީދުގެ ނަން މަޖިލީހަށް ފޮނުއްވާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެގޮތަށް ރައީސަށް ލަފާ އެރުއްވުމާ ގުޅިގެން މިއަދުގެ ވަގުތެއްގައެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވެސް ވަނީ އެކަން ހިމަނައިފައެވެ. އެޖެންޑާގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވާފައިވާ ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ފުރަތަމަ ހުޅުވާލީ މިދިޔަ ހޯމަ ދުވަހުއެވެ. އެ އިއުލާންގެ މުއްދަތު ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
އެހެންވެ މިދިޔަ ބުދަ ދުވަހުގެ ރޭ ފަނޑިޔާރަކު ހޯދަން ދެވަނަ ފަހަރަށް އިއުލާންކުރިއެވެ. އެ އިއުލާނުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް ހަމަވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗްލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 26 ނޮވެމްބަރު 2014 ގައެވެ. ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 24 ޖުލައި 2018 ގައެވެ. އޭނާ ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ހަމަޖެއްސީ 26 އޮކްޓޯބަރު 2023 ގައެވެ.
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު