ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ދެދުވަހަށް އިންޑިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ހަލީލުގެ އެ ދަތުރަކީ އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ 10 ވަނަ ރައިޒީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރު ނިންމަވައިލެއްވުމަށްފަހު ހަލީލު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ބުދަ ދުވަހު ކަމަށެވެ.

ރައިޒީނާ ޑައިލޮގްގެ ތެރެއިން "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިސް ގެސްޕިން"ގެ ޕެނަލް ޑިސްކަޝަންގައި ހަލީލު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރައިޒީނާ ޑައިލޮގްއަކީ އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަން އާއި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ އެކި ގަމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ބޮޑު މަހާސިންތާއެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ދަތުރުގެ ތެރެއިން ހަލީލު، އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރުގެ އިތުރުން ރައިޒީނާ ޑައިލޮގް އަށް ވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.