މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝް އިންތިހާބުކޮށްފިއެވެ.

ޑެޕިއުޓީ މޭޔަރަކަށް އަރީޝް އިންތިހާބު ކޮށްފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަރީޝް، މެންބަރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ނަރީޝް، އެ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 12ގައެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުންނެވެ.

އަރީޝް، އެ މަގާމަށް އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ 188 ޖަލްސާގައި ތިއްބެވި 17 ކައުންސިލް މެންބަރުންގެ ތެރެއިން 16 ކައުންސިލަރުންގެ ވޯޓުންނެވެ.