ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދެއްކުމަކީ ހިޔާލުފާޅުކުރުމުގެ ހައްގެއް ނޫން ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެމްޑީޕީން ސިލްސިލާކޮށް ކޮންމެ ރެއަކު މިހާރު ކުރަމުންދާ މުޒާހާރަތަކުގެ ތެރެއިން އެމްޑީޕީން ރޭ ކުރި މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ވަނީ ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކައިފައެވެ. އެ ވާހަކަތަކާ ގުޅިގެން ގިނަބަޔަކު ދަނީ މާންދީއަށާއި އެމްޑީޕީއަށް ފާޑު ކިޔަމުންނެވެ.
އެޗްއާރްސީއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާތައް އެ ކޮމިޝަނުން މޮނިޓާ ކުރަމުންދާ ކަމަށެވެ.
"ސިލްސިލާކޮށް ކުރެވެމުންދާ މި މުޒާހަރާއާ ގުޅިގެން ކޮމިޝަންގެ މޮނިޓަރިންއަށް ފާހަގަވެފައިވާ ކަންތައްތަކުގެ ތެރޭގައި ރޭގައި ކުރިއަށްދިޔަ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތައް އުނިކަން ލިބޭފަދަ ގޮތަކަށް މުހާތަބުކޮށް ވާހަކަދައްކާފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިގޮތަށް ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާފައިވުމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މިކަން މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އެޗްއާރްސީއެމުން ބުންޏެވެ.
އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅާނެ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" އާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމެއް ލިބިދީފައިވާތީ، ކުޑަކުދިންގެ ކަރާމާތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އުނިކަމެއް އަންނާނެ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގައި އެކަކު އަނެކާގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރުކަމާ އެކު މި ހައްގުތައް ބޭނުން ކުރުމަށް އިލްތިމާސްކުރަމެވެ،" އެޗްއާރްސީއެމުން ބުންޏެވެ.
މީގެ އިތުރުން އެ ބަޔާނުގައި އެޗްއާރްސީއެމުން ބުނީ އެމްޑީޕީގެ ފަރާތުން ކުރަމުންދާ މުޒާހަރާގައި އެއްވުމުގެ ބައިވެރިންނާ ފުލުހުން ކުރިމަތިލައިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެ ކުރިމަތިލުމުގައި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އަޑުގަދަކުރާ ބޭނުންކޮށް، ގްރީން ޒޯން ހިމެނޭ ސަރަހައްދުތަކަށް ވަންނަން މަސައްކަތްކޮށްފައި ކަމަށާއި އެ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަނުމަށް މަސައްކަތް ކުރުމުން ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިން ހުއްޓުވައިފައިވާ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.
މުޒާހަރާކުރުމުގައި އާންމުންނާއި ޓްރެފިކަށް ދަތިނުވާނެ ގޮތެއްގެ މަތިން މުޒާހަރާތައް އިންތިޒާމް ކުރުމަށް ގޮވާލާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އަދި މުޒާހަރާކުރުމުގައި ސުލްހަވެރިކަން އިސްކޮށް މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް އަމަލުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"އަދި ސުލްހަވެރިކޮށް ބޭއްވޭ އެއްވުންތައް ބޭއްވުމަށް ފުރުސަތުދީ އެއްވުންތައް ރޫޅާލަންޖެހޭ ހާލަތްތަކުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް އިލްތިމާސްކުރަމެވެ،" އެޗްއާރްސީއެމުން ބުންޏެވެ.
އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ލިބިދީފައިވާ އިރު، ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއްބައެއްގެ ހައްގަށް އަރައިނުގަނެ، އެކަކު އަނެކަކުގެ ކަރާމާތާއި އަބުރަށް އަރައިނުގަނެ، އެ ހައްގުތައް ބޭނުންކުރުމުގެ އިތުރުން އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު