ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގެން ރަސްމީ ގަޑީގައި "ޓެކްސީ ކުރައްވަން" އުޅުއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ، އެ ދުވަހުގެ އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް، ރަސްމީ މަސައްކަތް ދޫކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީހުން އުފުލަން "ޓެކްސީ ކުރަން" އުޅުއްވީ، އެ ދުވަހުގެ އަޑުއެހުން ގަސްތުގައި ލަސްކުރުމުގެ ބޭނުމުގައި ކަމަށެވެ.
ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެ ދުވަހުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ވަޑައިގަތީ، އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި ހުސްނުއްސުއޫދުގެ އިތުރުން މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރި ކަމުގެ ސިޓީ ކޯޓަށް ލިބުމުން ކަމަށެވެ. އެހެންވެ، ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ފަނޑިޔާރު އަލީ ރަޝީދު އަމަލުކުރެއްވީ ފަނޑިޔާރުންގެ ސްލޫކާ ހިލާފުވާ ގޮތަށް ކަމަށާއި މައްސަލަ ބަލައިދިނުމަށެވެ.
އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅި އިރު، ފަނޑިޔާރު ޑރ.އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.
އޭގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމުން އޭނާ ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފެއެވެ.
މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ މިހާރު އޮތީ ހުއްޓިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ، މަޖިލީހުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ބަދަލުކުރަން ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް ރައީސް ތަސްދީގުކުރައްވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު