މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އިމާދު، ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަންޖެހޭ ކަމަށް އެދި ވަޑައިގެން ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

އެކަމަށްޓަކައި މެމްބަރު އަބްދުއްލަތީފް ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރު ނިމުނުއިރު ގައުމުގެ އިގުތިސޯދު ހީނަރުވެ އަލުން އިއާދަކުރަން އުނދަގޫ ހިސާބަށް ގައުމުގެ އިގުތިސޯދު ނިކަމެތިވެގެން ދިޔަ އިރު، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުގައި އޭރު ހުންނެވި، ކުރީގެ ގަވަރުނަރު އަލީ ހާޝިމަށް ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލްކުރެވިފައި ނުމުވުގެ އިތުރުން، އެމްއެމްއޭގެ މައި އަސާސް ކަމަށްވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އަކަށޭނަ ގޮތުގައި ހިނގައިދިޔަތަން ވެސް ފެނިފައިނުވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީން ބެލި ބެލުމުން ވެސް އެކަން ފާހަގަވެފައިވާ އިރު، މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން އޭރުގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދިނުމަށް ކޮމިޓީން ފާސްކޮށް، އެ ލަފައާ އެއްގޮތަން މަޖިލީހުން ފާސްކޮށް ރައީސަށް ދެއްވި ލަފާގެމަތިން ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރެއްވި ކަމަށްވެސް ސިޓީގައިވެއެވެ.

އޭރުގެ ގަވައުނަރު އަލީ ހާޝިމް ހުންނެވި އިރު، ގާނޫނުން މަތިކޮސްފައިވާ ޒިންމާތައް އަދާކުރައްވަމުން ނުގެންދެވި އިރުވެސް، ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުރެ، އަލީ ހާޝިމަށް އިމާދު އެކަން ހަންދާންކޮށްދީފައި ނުވާ ކަމަށާއި އެއީ ގާނޫނުން މަތިކޮށްފައިވާ ޑެޕިއުޓީ ގަވަރުނަރުގެ ޒިންމާ އިމާދު އަދާނުކުރުން ކަމަށްވެސް ސިޓީގައިވެއެވެ.

އެހެންކަމުން ޒިންމާ އަދާކުރުމަށް ފަސްޖެހިފައިވާތީ އިމާދު، ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް މެންބަރު ލަތީފުގެ ސިޓީގައި ވަނީ އެދިފައެވެ.

މިސިޓީއާ ގުޅުގެން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ސިޓީން ފާހަގަވަނީ މީގެކުރިން އަލީ ހާޝިމް ގަވަރުނަރުކަމުން ވަކި ކުރީތީ އިމާދުވަސް ވަކިކުރަން ޖެހިގެން ހުށަހަޅާފައިވާ ކަމަށެވެ.

"ސީދާ އެތަނުގެ ކޮޑްއޮފް ކޮންޑަކްޓަށް އެހެންކަމަކަށް ޑެޕިއުޓީ ގަވަރުނަރު ހިލާފްވެފައިވާ ކަމަށް، އަދި އެއްވެސް ކަހަލަ ކުށެއްކުރިކަމުގެ އެއްވެސް ވާހަކައެއް މި ސިޓީން ނެތް ފެންނާކަށް،"

އެހެންނަމަވެސް ސިޓީގައިވާގޮތަށް ޑެޕިއުޓީ ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާއަރުވަން މަޖިލީހުން ފާސްކުރަން އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވަން ކެލާ ދާއިރާގެ މެންބަރު އަބުދުﷲ ޝަރީފް ހުށަހެޅުއްވިއެވެ. ތައީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންއެވެ.

އެމްޑީޕީ ދެ މެންބަރުން ކަމަށްވާ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޝަމްހީދާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރުމޫސާ ފިޔަވައި ދެން ތިއްބެވި މެންބަރުން ވޯޓުދެއްވައިގެން އެ މައްސަލަ ތަޅުމަށް ފޮނުވަން ފާސްކުރިއެވެ.

ދެން އެ މައްސަލަ މަޖިލިސް ތަލުމުގައި އިއުލާން ކުރުމަށްފަހު، މައްސަލަ ދިރާސާކުރުމަށް އަލުން ކޮމިޓީއަށް ފޮނުވާނެއެވެ.

މަޖިލީހުން ރައީސަށް ލަފާއަރުވަން ފާސްކުރާނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުންނެވެ.