ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ކަމަށެވެ.

"ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން 10 މާރިޗް 2025 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.

މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ނަމަވެސް އޭގެ ފަހުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ އެކްސްގައި ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ނަގާފައިވާ ކަމަށެވެ. އަދި ސެންސިޓިވް ތަފްސީލުތައް ޔަގީންކުރުމުގެ މަސައްކަތް ކުރަމުންދާތީ ބަޔާން ކެންސަލްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.