ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދީންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މިއަހަރުވެސް މާސްޓާ ކާޑުގެ ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މިފަހަރު އޮންނަނީ ޖަރުމަންވިލާތުގެ މިއުނިކްގައެވެ.

ބީއެމްއެލުން ބުނީ މާސްޓާ ކާޑު ޕްލޭޔާ މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދީންނަށް ޔޫއެފާ ފައިނަލް މެޗް ބަލައިލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރީންނާއެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

"މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި ދެ މީހަކަށް (ބޮޑު މީހަކާއި ކުއްޖަކަށް) ހުރިހާ ހަރަދަކާއެކު މިޔުނިކްގައި ހަތަރު ދުވަހަށް ތިބުމުގެ ފުރުސަތު ލިބޭނެއެވެ. މިގޮތުން މިއުނިކް ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ޓިކެޓް، ޕްލޭޔާ މެސްކޮޓް (ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު)، ޕޮކެޓް މަނީގެ އިތުރުން ވެލްކަމް ގިފްޓެއް ލިބޭނެއެވެ" ބީއެމްއެލުން ބުންޏެވެ.

އެ ޕްރޮމޯޝަންގައި މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭ ކަމަށާއި އެ ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބީއެމްއެލުން ބުންޏެވެ.

މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާއެވެ.

ބީއެމްއެއްއަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލުން އަންނަނީ ރާއްޖޭގައި މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.