މާލޭ ގެއެއްގެ ވެރިފަރާތަށް އަނިޔާކޮށް ބިރު ދެއްކި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ވަނީ އެ ގޭގެ ވެރިމީހާ އަށް އަނިޔާކުރާ ވީޑިއޯއެއް ވެސް ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ގޭގެ ވެރިމީހާ ކަމަށް ބުނާ މީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް އޭނާގެ ގައިގައި ތަޅާ މަންޒަރެވެ. އަދި ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާތަން ވެސް އެ ވީޑިއޯ އިން ފެނެއެވެ. އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން ޖަހަން ވެސް އުޅެއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ)، ނ. މަނަދޫ، ހަވޭލީ، މުހައްމަދު އަޒާން (23އ)، ނ. ވެލިދޫ، އެލަސް، އިބްރާހިމް އަހުނަފް (21) އަދި އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހު (23އ) އެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ، ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު އިންޒާރުދީފައިވާ މައްސަލައެއް ރޭ ހުށަހަޅައިފައިވާ ކަމަށެވެ.

"އަދި އެ ގެއަށް ރޭ 12:45 އެހާކަންހާއިރު ހަތަރު މީހަކު ވަދެ އެ ގެއައް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހަތަރު މީހުން ކުށުގެ ވެށިން ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުންޏެވެ.

އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.