އަލުން އަނބުރާ ފުރަތަމަ ޑިވިޝަނަށް ނުކުންނަން ތައްޔާރުވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗުގެ މަގާމަށް މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފިއެވެ.

މީގެ ކުރިން 2014 ވަނަ އަހަރުވެސް ވިކްޓަރީއަށް އިރުޝާދު ދިން އާތީއަކީ ތަޖުރިބާކާރު ކޯޗެކެވެ. އެންމެފަހުން ރާއްޖޭގައި ކުރިއަށްދިޔަ ފުޓުބޯޅަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ތަށި އޮޑި ސްޕޯޓްސް ކްލަބަށް ހޯދައިދިން ކޯޗު އާތީ އަކީ ކުރިން ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކުރި ކޯޗެކެވެ.

އޭގެ އިތުރުން އާތީ ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާގެ އިތުރުން ކްލަބި އީގަލްސް އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އަށްވެސް ކޯޗުކަން ކޮށްދީފައެވެ.

އާތީއާއެކު ވިކްޓަރީން ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިގެންނެވެ. އެގޮތުން އަލީ ސާމިސް (ތޮއްޕެ) އާއި ނިއު ރޭޑިއަންޓާއި ވިކްޓަރީއަށްވެސް ކުރިން ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ވެސް އަންނަ ސީޒަނުގައި ފެންނާނީ ވިކްޓަރީންނެވެ. އޭގެ އިތުރުން ކުރިން ޓީސީއަށް ކުޅުނު މުހައްމަދު ސާދު ނިޒާރާއި ނަޝާހު އަހުމަދު (ނައްޓު)ވެސް ވިކްޓަރީއަށް ސޮއިކޮށްފައިވެއެވެ.

އެއާއެކު ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ހަސަން ސުފިޔާން (ސޫފީ) އާއި ގައުމީ ޓީމަށް ކުރިން ކުޅުނު ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަދި އަހުމަދު ހަސަން (އައްމަޑޭ)ވެސް ވިކްޓަރީން އިއުލާނު ކޮށްފައިވާ އިރު، ދެވަނަ ޑިވިޝަނުގައި އެ ކްލަބަށް ކުޅުނު މުހައްމަދު އުމައިރުވެސް އެ ކްލަބުން ފެންނާނެއެވެ.