ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓި ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރި މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައި، އެ މައްސަލައިގައި ޖަވާބުދާރީވުމަށް ދައުލަތައް ދިން މުއްދަތުގައި ޖަވާބުދާރީވެފައި ނުވާ ކަމަށް ބުނެ ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ފިޔަވަޅު އަޅައިދިނުމަށް އެދި އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީއާ ގުޅިގެން އޭނާއަށް އުޝާމް ހޫނު ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ 18 ގައެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ދައުލަތައް ދިނެވެ.

އެ މުއްދަތުގެ ތެރޭގައި ދައުލަތުން ޖަވާބުދާރީ ވެފައިނުވާ ކަމަށް ބުނެ އަލީ ހުސައިން މިއަދު އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މައްސަލައިގައި ޖަވާބުދާރީވުމަށް ދައުލަތައް ދިން މުއްދަތު މިދިޔަ ފެބްރުއަރީ މަހުގެ 28 އަށް ހަމަވެފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ދައުލަތުން މައްސަލައަށް ޖަވާބުދާރީވެފައި ނުވާއިރު އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމެއްވެސް ހުށަހަޅާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ވީމާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށާއި ސުރުހީގައި ދެންނެވިފައިވާ މައްސަލައިގެ ޖަވާބު ފޯމު ހުށަހެޅުއްވުމަށް ބަންޑާރަ ނައިބަށް އަންގަވައި ދެއްވުން އެދޭ ވާހަކަ ދެންނެވީމެވެ،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިންގެ އެ ސިޓީއާ ގުޅިގެން ބަންޑާރަނައިބު އަހުމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލީ ހުސައިން ކަންތައްކުރާ ގޮތުން ދޮގު ހަދައި އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަން ސާފުވާ ކަމަށެވެ. އަދި ރޯދަމަހު ދޮގު ވާހަކަ ފަތުރައި ފިތުނަފަސާދަ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމަށް އަލީ ހުސައިނަށް އުޝާމް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"ތިޔަބުނާ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް" އަދި އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވަނީ ކޮށްފައި. އެ މުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށްނޫން. ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެ ކަމަށް ދެކެން" އުޝާމް ވިދާޅުވިއެވެ.